މާލޭގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި "މަސްޖިދު ޔޫސުފުލް ބަރްބަރީ" (ބަރުބަރީ މިސްކިތް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރު ނަމާދު ވަގުތުގައެވެ. ސަރުކާރުން އަލިސާފު ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރި މި މިސްކިތަކީ ތިން ފަންގިފިލާއަށް ބިނާކޮށްފައިވާ، އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތުގެ އެކި ސަރަހައްދުތައް ބައްލަވާލައްވައި، މިސްކިތުގެ ފެންވަރު އޮޅުންފިލުއްވާފައެވެ.

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކޮށް، ދީނީ ކަންކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫއުތަކެކެވެ.

ސަރުކާރުން ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށެވެ. އެގޮތުން، ބައެއް ރަށްރަށުގައި އަލަށް ބިނާކުރި މިސްކިތްތައް މިދިޔަ ރޯދަމަހާ ދިމާކޮށްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން މިސްކިތްތަކުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު