ރަމަޟާން މަހަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބޭ މަހަކަށްވާތީ، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާލޭގައި ތިބެގެން ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އިން އިސްނަގައިގެން ވަގުތީ މާރުކޭޓެއް ހުޅުވައިފިއެވެ.

މާލޭގައި މިއަދު ހުޅުވި މި މާރުކޭޓު ހުންނަނީ އުތުރު ބަނދަރު ސަރަޙައްދުގައި ކުރިން ޝޮޓް ކެފޭ ހުރި ބިމުގައެވެ. މި މާރުކޭޓުގެ ޚިދުމަތް މުޅި ރަމަޟާން މަހު ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާނެއެވެ. އެއީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

އެގްރިކަލްޗަރ މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި މާރުކޭޓަކީ ރަށްރަށުގެ ދަނޑުވެރިން މާލެއަށް މުދާ ގެނެސް، އެ ތަކެތި ސީދާ ކަސްޓަމަރުންނަށް ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށް ގާއިމުކުރި ތަނެކެވެ. ރަމަޟާން މަސް ނިމުމާއެކު މި މާރުކޭޓު ހުސްކުރެވޭނެއެވެ.

މި މާރުކޭޓުގައި ގޮޅި ހޯދުމަށް ދަނޑުވެރިންނަށް ފުރުޞަތު ހުޅުވާލީ އެ ދަނޑުވެރިއަކު ނިސްބަތްވާ ރަށު ކައުންސިލް މެދުވެރިކޮށް ކުރިމަތިލާ ގޮތަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ގޮޅިތަކަށް އެދުމުގެ މުއްދަތު ހަމަވިއިރު، ހުއްދަ ލިބުނު ދަނޑުވެރިންނަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މުދާ ގެނައުމުގެ ފުރުޞަތު ދީފައިވެއެވެ.

މި މާރުކޭޓު ހިންގުމުގައި މިނިސްޓްރީން ވަނީ ވަކި އުޞޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ވިއްކާ ތަކެތީގެ ރެކޯޑު ބަލަހައްޓައި މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރަށްރަށުގައި ހައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. ކައްކާފައި ނުވަތަ ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތީގެ އިތުރުން ރިހާކުރު ފަދަ ތަކެތި ވިއްކުމަކީ މަނާކަމެކެވެ.

މީގެ އިތުރުން، މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ވިއްކަން ބަހައްޓާ ތަކެތި ސިއްޙީ ގޮތުން ރައްކާތެރި މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި، ބިމުން ފެށިގެން ދެ ފޫޓު އުސް މޭޒުތަކެއްގައި ތަކެތި އަތުރަންޖެހެއެވެ. ނަމަވެސް، ކުރުނބާ، ކާށި، ކަށިކޭލާއި، ކަރާ އަދި ބަރަބޯ ފަދަ ބޭރު ތޮށި ހަރު ތަކެތި ބިމުގައި ބެހެއްޓުމަށް އުޞޫލު ހުއްދަކުރެއެވެ.

ވިޔަފާރި ނިންމުމަށްފަހު އުފެދޭ ކުނި، ކަނޑައެޅިފައިވާ ވަކި ސަރަޙައްދަކަށް އުކާލުމަކީވެސް ގޮޅި ހިންގާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު