އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަކީ ހަދާ ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ޗާގޯސް ހަވާލުކުރުމުގެ އެއްބަސްވުމަށް ރަސްމީކޮށް ރުހުން ދިންތާ އެއް ދުވަހެއް ފަހުންނެވެ.

މި މައްސަލާގައި ޓްރަމްޕްގެ ވިސްނުންފުޅު އެކި ފަހަރު މަތިން ބަދަލުވެފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ވެސް އެމަނިކުފާނު ވަނީ މިއީ "ގަމާރު" ނިންމުމެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ފެބްރުއަރީ މަހު އިނގިރޭސި ބޮޑުވަޒީރު ކައިރް ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަފުޅަށްފަހު، އެއީ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ވިދާޅުވި ނަމަވެސް، މިހާރު އަނެއްކާވެސް ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފައެވެ.

ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ކޮން ބައެއްކަން ނޭނގޭ ފަރާތްތަކުން ކުރާ ތުހުމަތުތަކުގެ ސަބަބުން މި މުހިންމު ރަށްތަކުގެ ކޮންޓްރޯލް ބޮޑުވަޒީރު ސްޓާމާއަށް ގެއްލިގެންދާ ކަމަށެވެ. އަދި އީރާނުން ދީފާނެ ހަމަލާއަކުން ދިފާއުވުމަށް އެމެރިކާއަށް ޑިއެގޯ ގާސިއާ އާއި ފެއާފޯޑް އެއާފީލްޑް ބޭނުންކުރަން ޖެހިދާނެ ކަމަށާއި، މިފަދަ ހާލަތެއްގައި އިނގިރޭސިވިލާތާއި އެކުވެރި އެހެން ގައުމުތަކަކީ ވެސް ހަމަލާގެ އަމާޒަކަށް ވެދާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވިއެވެ.

މި އެއްބަސްވުމާ ދެކޮޅަށް ޗާގޯސްގެ އަސްލު ރަށްވެހިންގެ ގޮތުގައި ވަކާލާތުކުރާ ހަތަރު މީހަކު ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ޗާގޯސްގެ ޕެރޮސް ބަންހޯސް އަތޮޅުގައި އޮންނަ ކޮއިން އައިލެންޑަށް އަރާފައެވެ. އެމީހުން ބުނާ ގޮތުގައި އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރަނީ އެމީހުންގެ އަމިއްލަ ވަޒަނެވެ. އަދި އެމީހުން ބޭނުންވަނީ ޗާގޯސްއަކީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދިން ލަފާގައި ބުނެފައިވަނީ އެ ރަށްތަކުގެ ސިޔާދަތީ ބާރު އޮންނަންވާނީ މޮރިޝަސްއަށް ކަމަށެވެ. އެއާއެކު މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ ބާރު މޮރިޝަސްއަށް ދޭން ނިންމާފައެވެ. ނަމަވެސް، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) 99 އަހަރަށް ކުއްޔަށް ދީ، އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭއްވުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

މި މައްސަލައަކީ ދިވެހިރާއްޖެއާ ވެސް ގުޅުންހުރި މައްސަލައެކެވެ. އައިސީޖޭގެ ނިންމުމަށް ރިއާޔަތްކޮށް، އިޓްލޮސްއިން ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހާލާފައެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މި މަހުގެ ފަސްވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އެއީ އަދިވެސް ރާއްޖޭގެ ސަރަހައްދެއް ކަމަށެވެ. އަދި ރާއްޖޭގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ހިމާޔަތްކޮށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު