އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ނެންގެވުމަށް ނިންމެވި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީތަކަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކޯޓުގެ 6 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު މި ހުކުމުގައި ބުނެފައިވަނީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރުމަށް ހަދާފައިވާ "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓް" ގެ ދަށުން މިފަދަ ޓެރިފްތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށެވެ. މިއީ ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީން ޓެކްސް އާއި ޓެރިފް ކަނޑައެޅުމުގެ ބާރު ވަރަށް ސާފުކޮށް ދީފައިވަނީ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްއަށް ކަމަށެވެ. އެހެންކަމުން، ރައީސް ޓްރަމްޕް އަމިއްލަފުޅަށް ނެރުއްވި ރިޔާސީ އަމުރުތަކުގެ ދަށުން މުޅި ދުނިޔެއަށް އަމާޒުކޮށްގެން ނެންގެވި ޓެރިފްތަކަކީ ރައީސަށް ލިބިގެންވާ އިހްތިސާސުން ބޭރުން ނިންމަވާފައިވާ ނިންމެވުންތަކެއް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މި ހުކުމާ ގުޅިގެން ޓްރަމްޕް ވަނީ މިއީ ވަރަށް ބޮޑު ލަދުވެތި ނިންމުމެއް ކަމަށް ވިދާޅުވެ ކޯޓަށް ފާޑުވިދާޅުވެފައެވެ.

މި ނިންމުމުގެ ސަބަބުން، ޓްރަމްޕްގެ "ލިބަރޭޝަން ޑޭ" ޓެރިފްތަކުގެ ދަށުން އެމެރިކާގެ އިގްތިސާދަށް ވަންނަމުންދިޔަ ބިލިއަން ޑޮލަރުގެ އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި މިހާތަނަށް ޓެރިފްގެ ގޮތުގައި ފައިސާ ދައްކާފައިވާ ކުންފުނިތަކަށް އެ ފައިސާ އަނބުރާ ލިބޭނެ ގޮތްތަކަކާ މެދު މިހާރު ވަނީ ގާނޫނީ ބަހުސްތަކެއް ފެށިފައެވެ. ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި އެހެން ގާނޫނުތަކުގެ ދަށުން ވަކިވަކި ސިނާއަތްތަކަށް ޓެރިފް އެޅުމުގެ ފުރުސަތު އަދިވެސް ރައީސަށް އޮވެދާނެ ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު