ޖެފްރީ އެޕްސްޓައިންގެ ޖިނާއީ ހަރަކާތްތަކާ ގުޅޭ ސިއްރު ލިޔެކިޔުންތައް ދާދި ފަހުން އާންމުވުމާ ގުޅިގެން، މުޅި ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ. ގިނަ ގައުމުތަކުން އެ ގައުމުތަކުގެ ސިޔާސީ ނުވަތަ އިޖުތިމާއީ ގޮތުން ނުފޫޒުގަދަ ފަރާތްތަކެއްގެ ނަން މި ލިޔެކިޔުންތަކުގައި ހިމެނިފައިވޭތޯ ބަލައި މުރާޖައާ ކުރަމުންދާއިރު، ދިވެހިރާއްޖޭގައި ވެސް މިކަމަކީ އާންމުންގެ މެދުގައި ބޮޑު ބަހުސަކަށްވެ، ޝައްކުތަކެއް އުފެދިފައިވާ މައުޟޫއެކެވެ.

މިހާތަނަށް އާންމުކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކަށް ބަލާއިރު، އެޕްސްޓައިންގެ ނެޓްވޯކާ ގުޅުވައިގެން ނަން ފެންނަން އޮތް ހަމައެކަނި ދިވެއްސަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޑރ. ވަހީދުގެ ނަން މި ލިޔެކިޔުންތަކުން ފެންނަނީ އީމެއިލް މުއާމަލާތްތަކާއި، ދަޢުލަތުގެ ބައެއް ލިޔުންތައް ޙިއްސާ ކުރެއްވުމާއި، ބައެއް ބައްދަލުވުންތަކާ ގުޅިގެންނެވެ. މި މުއާމަލާތްތައް ހިނގާފައިވަނީ އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައާއި، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ނަމަވެސް، މި މުއާމަލާތްތަކުގެ ތަބީއަތަށް ބަލާއިރު ފާހަގަކުރެވެނީ، އެއީ އިންވެސްޓްމަންޓްތަކާ ގުޅޭ ޚިޔާލު ބަދަލުކުރުމާއި، ފަތުރުވެރިކަމުގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، އާންމު އިރުޝާދު ހޯދުމުގެ ތެރެއިން ހިނގާފައިވާ ކަންކަން ކަމެވެ. އެންމެ މުހިންމު ކަމަކީ، އެޕްސްޓައިން ހިންގި އެއްވެސް ޖިނާއީ ނުވަތަ ބަދުއަޚުލާގީ ހަރަކާތަކާ ޑރ. ވަހީދު ގުޅުވައިދޭނެ އެއްވެސް ހެއްކެއް މިހާތަނަށް އާންމުކުރި އެއްވެސް ލިޔުމެއްގައި ނެތްކަމެވެ. ނަމަވެސް "ބިއުޓިފުލް ސްޓޫޑެންޓްސް" ގެ ޙަޤީޤަތް އަދި އޮތީ ނޭންގުމެއްގެ ތެރޭގައެވެ.

މި މައްސަލައިގެ ތެރެއިން އުފެދިފައިވާ އަނެއް ސުވާލަކީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރެއްގެ ބައިވެރިވުން މިކަމުގައި އޮތްތޯ ކުރެވޭ ސުވާލެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ކުރީގެ އެއްވެސް ރައީސަކު، ނުވަތަ މިހާރުގެ ލީޑަޝިޕްގެ ބޭފުޅަކު، ނުވަތަ ދައުލަތުގެ އިސް އޮފިޝަލަކުވެސް އެޕްސްޓައިންއާ ގުޅުވައިދޭނެ އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އާންމުވެފައިވާ ލިސްޓުތަކުގައި އެފަދަ ބޭފުޅެއްގެ ނަމެއް ނުހިމެނެއެވެ.

ސޯޝަލް މީޑިއާ ފަދަ އޮންލައިން މަންސަތަކުގައި ރާއްޖޭގެ އެހެން ބައެއް ރައީސުންނަށް އިޝާރާތްކޮށް އެކި ކަހަލަ އަޑުތައް ފެތުރިފައިވީ ނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ވާހަކަތަކެކެވެ. އިތުބާރު ހުރި އެއްވެސް ރަސްމީ ރިޕޯޓަކުން ނުވަތަ ބައިނަލްއަގްވާމީ ތަހުގީގީ އިދާރާއަކުން އެފަދަ ބައިވެރިވުމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދުނިޔޭގެ ފެންވަރުގައި ހިނގާ މިފަދަ ބޮޑެތި މައްސަލަތަކުގައި، ކަށަވަރުވެފައިވާ ހަގީގަތްތަކާއި، ހަމައެކަނި ޝައްކުގެ މައްޗަށް ބިނާވެފައިވާ ވާހަކަތައް ވަކިކުރަން ދަސްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މައުލޫމާތު ފެތުރުން އަވަސްވެފައިވާ މި ޒަމާނުގައި، ކަންކަމުގެ ހަގީގަތް ނުބަލައި ފަތުރާ ވާހަކަތަކުގެ ސަބަބުން ކުށްނެތް ފަރާތްތަކުގެ އަބުރަށް ގެއްލުންވުމުގެ ފުރުސަތު އޮވެއެވެ.

ޙާޤީޤަތަކީ، އެޕްސްޓައިންގެ ރެކޯޑްތަކުން ފެންނަން އޮތީ ދިވެހިރާއްޖޭގެ އެންމެ ރައްޔިތެއްގެ ނަމެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި އެއީވެސް ޖިނާއީ މައްސަލައަކާ ގުޅުންހުރި ކަމެއްގެ ގޮތުގައެއް ނޫނެވެ. އެހެންކަމުން، އިތުރު ސިޔާސީ ފަރާތްތަކާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ބޯނުލަނބައި، ކަށަވަރުވެފައިވާ ހަގީގަތްތަކަށް ބަރޯސާވުމަކީ އެންމެ ޒިންމާދާރު ގޮތެވެ.



ކިޔުންތެރިންގެ ހިޔާލު