މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގައްޒާއަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރީ ފޫނުބެއްދޭ ފަދަ ހިތާމަތަކާއެކުގައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ސަތޭކައަށްވުރެ ގިނަ އިމާމުންނާއި، ދީނީ އިލްމުވެރިން އަދި ގުރުއާން މުދައްރިސުން ޝަހީދުވެފައިވާއިރު، ގައްޒާގެ މިސްކިތްތައް ވަނީ ފުނޑުފުނޑުވެފައެވެ.

މީގެ ސަބަބުން ރަމަޟާން މަހުގެ ރޫހާނީ ކަންކަމާއި ޒަމާނުއްސުރެ ފަލަސްތީނު ރައްޔިތުން އަމަލުކުރަމުން އައި އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

ގައްޒާގެ ރައްޔިތުން ބުނާ ގޮތުގައި، މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ހުކުރު ޚުތުބާ ދެއްވައި، ދީނީ ނަސޭހަތް ދެއްވި އިލްމުވެރިން މިއަދު އެމީހުންގެ ތެރޭގައި ނެތުމަކީ ލިބޭ ވަރަށް ބޮޑު މާޔޫސްކަމެކެވެ.

އިލްމުވެރިންގެ ފަރާތުން ލިބެމުންދިޔަ އިރުޝާދުތަކާއި ދީނީ ފިލާވަޅުތަކަކީ ގައްޒާގެ އިޖުތިމާއީ އަދި ރޫހާނީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަހާއެވެ. ނަމަވެސް މިއަދު ގިނަ ރައްޔިތުންނަށް ނަމާދުކުރަން ޖެހިފައިވަނީ ހަލާކުވެފައިވާ މިސްކިތްތަކުގެ ކައިރީގައި ނުވަތަ ކުނިބުނިތަކުގެ މަތީގައި ޖަހާފައިވާ ޕްލާސްޓިކް ފޭލިގެތަކުގައެވެ.

ގައްޒާގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ އުދުވާނުގައި މިހާތަނަށް 312 އިމާމުންނާއި ދީނީ މުދައްރިސުން ޝަހީދުކޮށްލާފައިވެއެވެ.

އަދި ގައްޒާގައި ހުރި 1,275 މިސްކިތުގެ ތެރެއިން 1,050 މިސްކިތެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު، 191 މިސްކިތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ދީފައެވެ. މީގެ ސަބަބުން ރަމަޟާން މަހުގެ ޖަމާއަތުގެ ނަމާދުތަކާއި ތަރާވީހް ނަމާދު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ގައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ކުރު މުއްދަތަކަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް، އިސްރާއީލު ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދެމުންނެވެ. ގައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާތަކުގައި އިތުރު 615 މީހުން ޝަހީދުވެ، 1,651 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ މިއަހަރުގެ ރަމަޟާން މަހުވެސް ފަލަސްތީނު ރައްޔިތުން އުފުލަން ޖެހިފައިވާ ހިތްދަތި ތަހައްމަލުތަކެވެ.



ކިޔުންތެރިންގެ ހިޔާލު