ރަމަޟާން މަހުގެ ރޯދައަށް ކަދުރުން ލިބޭ ފައިދާ: ހަކަތަ، ހައިޑްރޭޝަން އަދި ހަޖަމުކުރުން

ރަމަޟާން މަހުގެ އިރުއޮއްސޭ ވަގުތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނެއް ރޯދަ ވީއްލުމަށް އެންމެ ފުރަތަމަވެސް ބޭނުންކުރަނީ ކަދުރެވެ.

ރޯދަ ހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ރަމަޟާން މަހު މުސްލިމުން ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން ދުރުހެލިވެ ތިބެއެވެ.

އިސްލާމީ އުސޫލުތަކަށް ބަލާއިރު، ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އަދި މުސްލިމުންގެ މުގައްދަސް ފޮތް، ކީރިތި ގުރުއާނުގެ އެކި ތަންތަނުގައި ކަދުރާ ގުޅޭގޮތުން ބަޔާންކުރައްވާފައިވެއެވެ.

ނަމަވެސް، ރޯދަވެރިންނަށް އެންމެ އެކަށީގެންވާ ކާނާއަކަށް ކަދުރު ވެގެންދަނީ އޭގައި ހިމެނޭ ކޮން ސިއްހީ ފައިދާތަކެއްގެ ސަބަބުން ހެއްޔެވެ؟

ކާނާގެ ފައިދާ (Nutritional benefits)

ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް އެއްޗެއް ނުކައި ހުންނަ ވަގުތުތަކަށްފަހު، ކަދުރުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެއީ އިންސާނާގެ ބަނޑަށް އެންމެ ފައިދާހުރި ކާނާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޔޫކޭގައި މަސައްކަތްކުރައްވާ ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޝެހްނާޒް ބަޝީރު ވިދާޅުވާ ގޮތުގައި، "ރޯދަ ވީއްލާ ވަގުތު ހަށިގަނޑަށް ބޭނުންވާ ހަކަތަ (fuel) ހޯދުމަށްޓަކައި ވަގުތުން ގްލޫކޯޒް އުފައްދަން ހަށިގަނޑު މަސައްކަތް ކުރެއެވެ."

ކަދުރުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭތީ، އެހެން ކާނާތަކާ އަޅާބަލާއިރު ލޭގައި ހަކުރު ހުންނަ މިންވަރު މާ އަވަހަށް މަތިކޮށްދެއެވެ.

ޝެހްނާޒް ބަޝީރު އިތުރަށް ވިދާޅުވީ، "ކަދުރަކީ އޭގައި ސިމްޕަލް ޝުގަރ އާއި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭތީ ވަރަށް ތަފާތު މޭވާއެއް" ކަމަށެވެ.

މީގެ މާނައަކީ، މި މޭވާއިން ހަށިގަނޑަށް މެދުނުކެނޑި ގިނަ އަދަދަކަށް ހަކަތަ ފޯރުކޮށްދެމުންދާނެ ކަމެވެ. މިއީ ގިނަ ވަގުތު ނުކައި ހުންނަ މީހަކަށް އެންމެ އެކަށީގެންވާ ގޮތެވެ. ކަދުރުގައި ވިޓަމިން އޭ، ކޭ، އަދި ބީ6 ގެ އިތުރުން ދަގަނޑުގެ ބައި (iron) މުއްސަނދިކޮށް ހުރެއެވެ. މިއީ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

ފެންމަދުވުމުން ރައްކާތެރިކޮށްދިނުން (Preventing dehydration)

ކަދުރަކީ ހިއްކާފައި ހުންނަ މޭވާއެއް ނަމަވެސް، ހަށިގަނޑުން ފެންމަދުވުމުން ސަލާމަތްކޮށްދިނުމުގެ ބާރު އޭގައިވެއެވެ.

ކަދުރުގައި ގުދުރަތީ ގޮތުން އިލެކްޓްރޯލައިޓް ޕޮޓޭސިއަމް ހިމެނެއެވެ. މިއީ ހަށިގަނޑުގެ ސެލްތަކަށް ފެން ދަމައިގަތުމަށް މެގުނެޓެއް ފަދައިން މަސައްކަތްކޮށްދޭ މާއްދާއެކެވެ.

ޝެހްނާޒް ބަޝީރު ވިދާޅުވާ ގޮތުގައި، "ގިނަ ބަޔަކު ރޯދަ ވީއްލާއިރު ކަދުރުގެ އިތުރުން ފެން ބޯއެވެ. މިއީ ހަކަތަ ދެމެހެއްޓުމަށާއި ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެންމެ ރަނގަޅު ގޮތެވެ."

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ކަންތައް ކުރުމުން އިތުރު އިލެކްޓްރޯލައިޓްސް ބޭނުންކުރުމުގެ ބޭނުމެއް ގިނަ ފަހަރަށް ނޯވެއެވެ.

މާގިނައިން ކެއުމުން ދުރުހެލިވުން (Overeating)

ރަމަޟާން މަހު ބައެއް މީހުންގެ ބަރުދަން ލުއިވި ނަމަވެސް، ރޯދަ ވީއްލާ ގަޑީގައި މާގިނައިން ކެވިއްޖެނަމަ ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.

އާދަކާދައިގެ މަތިން، ބައެއް މުސްލިމުން ރޯދަ ވީއްލާއިރު އޮނަހިރި އަދަދަކަށް (ތިނެއް، ފަހެއް، ހަތެއް ނުވަތަ ނުވައެއް) ކަދުރު ކެއުމަށްފަހު ވަގުތުން މަޣުރިބު ނަމާދު ކުރެއެވެ. އޭގެ ފަހުން އަލުން ކެއުމަށް އެނބުރި އާދެއެވެ.

ހަށިގަނޑުން ފައިބަރުން މުއްސަނދިވެފައިވާ ކަދުރު ހަޖަމުކުރަން ފެށުމާއެކު، މާގިނައިން ކެއުމަށް ހުންނަ އެދުން ކުޑަވެ، މެދުމިންވަރަކަށް ކެއުމަށް ބާރުއަޅައެވެ.

ޝެހްނާޒް ބަޝީރު ވިދާޅުވީ، "މީގެ ސަބަބުން، ހަށިގަނޑަށް ކާނާ ލިބިއްޖެކަމާއި ހަޖަމުކުރުމުގެ ނިޒާމު މަސައްކަތް ފަށައިފިކަން ދެނެގަތުމަށް ހަށިގަނޑަށް ފުރުސަތު ލިބިގެންދާނެ" ކަމަށެވެ.

ހަޖަމުކުރުން (Digestion)

ރޯދައަށް ހުންނަ މީހުންގެ މެދުގައި ބަނޑުހަރުވުމާއި ބަނޑު ފުއްޕުން ފަދަ ޝަކުވާތައް އާންމުވެއެވެ. މީގެ ސަބަބަކީ އާދައިގެ ދުވަސްތަކުގައި މުޅި ދުވަހު ކެއުމާއި ބުއިން ކުރިއަށްދާތީ ގޮހޮރުގެ ހަރަކާތްތައް ހިނގަމުންދިޔަ ނަމަވެސް، ރޯދައަށް ހުންނަ ގިނަ ވަގުތުތަކުގައި މި ހަރަކާތްތައް މަޑުޖެހިފައި ހުރުމެވެ.

ކަދުރަކީ ފައިބަރުގެ މުއްސަނދި މަސްދަރެކެވެ. މިއީ ގޮހޮރުގެ ތެރެއިން ތަކެތި ފަސޭހައިން ދަތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ޔޫކޭގެ ނޭޝަނަލް ހެލްތު ސާވިސްއިން ލަފާދެނީ ދުވާލަކު 30 ގްރާމް ފައިބަރު ބޭނުންކުރުމަށެވެ.

ޝެހްނާޒް ބަޝީރު ވިދާޅުވީ، "ރަމަޟާން މަހު ބައެއް ފަހަރު އަހަރެމެންނަށް ސިމްޕަލް ކާބޯހައިޑްރޭޓްސް ކެއުމަށް ބޭނުންވެއެވެ. ނަމަވެސް ރޭވުންތެރިކަމާއެކު ކާނާ ތައްޔާރުކޮށްފިނަމަ އޭގައި ފައިބަރު ހިމެނޭކަން ކަށަވަރު ކުރެވިދާނެ" ކަމަށެވެ.

ކާނާގައި ހިއްކި މޭވާ ބޭނުންކުރުމަކީ ފައިބަރުގެ މިންވަރު އިތުރުކުރުމަށް އޮތް ފަސޭހަ މަގެކެވެ.

ކަދުރު ކާން ބޭނުންނުވާނަމަ ހަދާނީ ކިހިނެއް؟

ރަމަޟާން މަހުގެ ރޯދަ ހިފަނީ ދީނީ ސަބަބުތަކަށްޓަކައެވެ. މީގެ އިތުރުން، ސިއްހީ ސަބަބުތަކަށްޓަކައި ގިނަ ވަގުތު ނުކައި ހުރުމުގެ އާދަ (intermittent fasting) މިހާރު ދުނިޔޭގައި ދަނީ މަގުބޫލުވަމުންނެވެ.

ޝެހްނާޒް ބަޝީރު ވިދާޅުވި ގޮތުގައި، "މިއީ ދާދި އެއްގޮތަކަށް ރަމަޟާން މަހު އަހަރެމެން ރޯދަ ހިފާ ގޮތެވެ."

ކަދުރު ކާން ކަމުނުދާނަމަ އެއީ މައްސަލައެއް ނޫނެވެ. އެތައް ސަތޭކަ ބާވަތެއްގެ ކަދުރު ލިބެން ހުރެއެވެ. އޭގެ ތެރެއިން ބައެއް ބާވަތްތައް ރަހަބަލާލުން ރަނގަޅެވެ.

ޝެހްނާޒް ބަޝީރު ވިދާޅުވީ، "މި ހުރިހާ ބާވަތްތަކެއްގެ ފާޑުވެސް ތަފާތެވެ. ބައެއް ކަދުރު ހުންނަނީ ހަފަން އުނދަގޫކޮށް، އަނެއްބައި ކަދުރު ވަރަށް މަޑެވެ. ބައެއް ކަދުރުގެ ތޮށި ބޯވާއިރު އަނެއްބައި ކަދުރުގެ ތޮށި ތުނިވާނެއެވެ."

އޭނާ އިތުރަށް ލަފާދެއްވި ގޮތުގައި، "ކަދުރާއި ކިރު އެއްކޮށް ގިރުމަށްފަހު، އޭގެ ތެރެއަށް ކުޑަ ފޮނިކާޖު (yogurt) އަދި ހިއްކި މޭވާ އަޅައިގެން ބޭނުންކުރެވިދާނެއެވެ. މިއީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާކުރާނެ ރަނގަޅު ކާނާއެވެ."



ކިޔުންތެރިންގެ ހިޔާލު