ނޯވޭގެ މުސްލިމުން
ނޯވޭގެ މުސްލިމުން
ނޯވޭގެ މުސްލިމް ދީނީ ޖަމާޢަތްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ޢަދަދު މި އަހަރު 201،899 (ދެ ލައްކަ އެއްހާސް އަށްސަތޭކަ ނުވަދިހަ ނުވައެއް) އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ތަފާސްހިސާބުތަކާ ބެހޭ ރަސްމީ އިދާރާ، "ސްޓެޓިސްޓިކްސް ނޯވޭ" އިން ހާމަކޮށްފިއެވެ.

މިއީ އެ ޤައުމުގައި ދިރިއުޅޭ މުޅި މުސްލިމް އާބާދީގެ ޖުމްލަ ޢަދަދު ކަމަށްވާތީ، މީގެ ތެރޭގައި އަލަށް އިސްލާމްދީން ޤަބޫލުކުރި މީހުންނާއި، ނޯވޭގެ އަޞްލު ރައްޔިތުންގެ ތެރެއިން މުސްލިމްވި މީހުންގެ ވަކި ޢަދަދެއް ރަސްމީކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ނޯވޭގެ އަޞްލު ރައްޔިތުންގެ ތެރެއިން އިސްލާމްވި މީހުންގެ ތާރީޚީ ހިސާބުތަކަށް ބަލާއިރު، ޔުނިވަރސިޓީ އޮފް އޮސްލޯގެ ދިރާސާވެރިޔާ ކާރީ ވޮގްޓް ހާމަކުރައްވާފައިވާ ގޮތުގައި، 2018 ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 3،000 (ތިންހާސް) މީހުން ވަނީ އިސްލާމްދީން ޤަބޫލުކޮށްފައެވެ. އަނަޑޯލޫ އެޖެންސީން 2018 ގައި ޝާއިޢުކުރި ރިޕޯޓެއްގައި ވޮގްޓް ފާހަގަކުރައްވާފައިވާ ގޮތުގައި، 1990 ގެ އަހަރުތަކުގައި މި ޢަދަދު އުޅުނީ އެންމެ 500 ގައެވެ.

ނޯވޭގެ އަންހެނުން އިސްލާމްދީން އިޚްތިޔާރުކުރާ ސަބަބުތަކަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވޮގްޓް ވިދާޅުވީ، މާޒީގައި ގިނަ އަންހެނުން އިސްލާމްވީ މުސްލިމް ފިރިހެނުންނާ ކުރެވުނު ކައިވެނީގެ ސަބަބުން ކަމުގައި ވިޔަސް، ފަހަކަށް އައިސް ގިނަ އަންހެނުން އިސްލާމްވަނީ ދީނީ ފޮތްތައް ކިޔައި، އަމިއްލައަށް ކުރާ ފުން ދިރާސާތަކަށްފަހު ކަމަށެވެ.

މިގޮތުން، އެ ރިޕޯޓުގައި ވާހަކަދެއްކި ނޯވޭގެ ރައްޔިތެއް ކަމަށްވާ މޮނިކާ ސަލްމޫކް ބަޔާންކުރި ގޮތުގައި، އޭނާ އިސްލާމްދީން ޚިޔާރުކުރީ އިސްލާމްދީނާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އުނގެނި ދިރާސާކުރުމަށްފަހުގައެވެ. މީގެއިތުރުން، ސޯލްވާ ނަބީލާ ސެކްސެލިން ނަމަކަށް ކިޔާ އަންހެނަކު ފާހަގަކުރި ގޮތުގައި، މުސްލިމް ހިޖުރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރެވުނު ތަޖުރިބާތަކުގެ ސަބަބުން، އިސްލާމްދީނުގެ ޙަޤީޤަތް ހޯދައި ދެނެގަތުމަށް އޭނާއަށް ބޮޑު ޝައުޤުވެރިކަމެއް އުފެދުނެވެ.

ސްޓެޓިސްޓިކްސް ނޯވޭގެ ހިސާބުތަކުން އެ ޤައުމުގައި މުސްލިމުންގެ އާބާދީ ފުޅާވަމުންދާކަން ސާބިތުވާއިރު، އަމިއްލަ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިސްލާމްދީން ޤަބޫލުކުރާ ނޯވޭގެ އަންހެނުންގެ ނިސްބަތް އިތުރުވަމުންދާކަން ދައްކުވައިދޭ ދިރާސާތަކަކީ، އެ ޤައުމުގައި އިސްލާމްދީނުގެ ހިދާޔަތު ފެތުރެމުންދާ ގޮތް ދެނެގަތުމަށް ލިބޭ ވަރަށް މުހިންމު ހެއްކެކެވެ.



ކިޔުންތެރިންގެ ހިޔާލު