މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެލާއި ކާބޯތަކެތި އެތެރެކުރުމުގައި މިހާތަނަށް އެއްވެސް ދަތިކަމެއް ނުވަތަ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގައި ހަމަނުޖެހުންތައް ފެށުނު ދުވަހުން ފެށިގެން ސަރުކާރުން ވަނީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެގޮތުން، ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ ވަޒީރުން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސޯދީ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވެއްޖެ ހާލަތެއްގައިވެސް، ބަދަލު މަގުތައް ބޭނުންކޮށްގެން ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ތެލާއި ކާބޯތަކެތީގެ ރިޒާވް ހުރި ގޮތް ބައްލަވައި، އެ ތަކެތި މެދުނުކެނޑި ލިބޭނެކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ހާރިޖީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކުގެ އިސްވެރިންނާ ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރައިން އަދި އޮމާން ފަދަ ގައުމުތައް ހިމެނޭއިރު، މި މަޝްވަރާތަކުގެ ބޭނުމަކީ ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު