އެމެރިކާއިން ސޫދާނުގެ މުސްލިމް ބްރަދަހުޑަކީ 'ޓެރަރިސްޓް' ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާއަތް ބްލެކްލިސްޓްކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، މި ޖަމާއަތަށް އީރާނުގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، އެ ޖަމާއަތުން އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން މުސްލިމް ބްރަދަހުޑާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ވަނީ ސޫދާނުގެ މުސްލިމް ބްރަދަހުޑަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެހީތެރިކަން ލިބޭ ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާއިން އެ ޖަމާއަތަކީ 'ޚާއްޞަ ގޮތެއްގައި ކަނޑައަޅާފައިވާ ދުނިޔޭގެ ޓެރަރިސްޓް' (އެސް.ޑީ.ޖީ.ޓީ) ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށްފައިވާއިރު، އަންނަ ހަފުތާއިން ފެށިގެން އެއީ 'ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް' (އެފް.ޓީ.އޯ) ގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޫދާނުގެ މުސްލިމް ބްރަދަހުޑުން އާންމު ރައްޔިތުންނާ ދެކޮޅަށް ހައްދެއްނެތް އަނިޔާވެރިކަން އިސްކުރަމުންދަނީ ސޫދާނުގެ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅައި، އެމީހުންގެ އަނިޔާވެރި ފިކުރު ފެތުރުމަށްޓަކައި ކަމަށެވެ.

އެސް.ޑީ.ޖީ.ޓީ ލޭބަލްގެ ދަށުން އެ ޖަމާއަތާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދާއިރު، އެފް.ޓީ.އޯ ލޭބަލްގެ ސަބަބުން އެ ޖަމާއަތަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާނެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި، ސޫދާނުގެ އަސްކަރިއްޔާ އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި، މުސްލިމް ބްރަދަހުޑްގެ ހަނގުރާމަވެރިން އާންމު ރައްޔިތުން ގިނަ އަދަދަކަށް މަރަމުންދާ ކަމަށެވެ. އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ އާރު.އެސް.އެފް އާއި އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ގިނަ ފަހަރަށް ބުނަމުންދަނީ، އެމީހުން ހަނގުރާމަކުރަމުންދަނީ މުސްލިމް ބްރަދަހުޑްގެ ފައުޖުތަކާ ދެކޮޅަށް ކަމަށެވެ.

އެމެރިކާގެ މި ނިންމުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ވަނީ މަރުހަބާ ކިޔާފައެވެ. ޔޫ.އޭ.އީގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އެމެރިކާގެ މި ފިޔަވަޅަކީ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާއި، މުސްލިމް ބްރަދަހުޑުން ސޫދާނުގެ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ ނިޒާމީ މަސައްކަތްތަކުގެ ރަންގަޅު ނަތީޖާއެކެވެ.

މިދިޔަ ޖެނުއަރީ މަހުވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ލުބުނާން، އުރުދުން އަދި ސޫދާނުގައި ހަރަކާތްތެރިވާ މުސްލިމް ބްރަދަހުޑާ ގުޅުންހުރި ޖަމާއަތްތައް ބްލެކްލިސްޓްކޮށްފައެވެ. ނަމަވެސް އެ ޖަމާއަތްތަކުން ވަނީ އެ ނިންމުންތައް ބަލައިނުގަންނަކަމަށް ބުނެފައެވެ.

1928 ވަނަ އަހަރު މިސްރުގެ އިލްމުވެރިޔާ ހަސަން އަލް-ބަންނާ އުފެއްދެވި މުސްލިމް ބްރަދަހުޑްގެ ގޮފިތައް މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި އިޖުތިމާއީ ޖަމިއްޔާތައް ހިމެނެއެވެ. އެ ޖަމާއަތާއި އޭގެ ގޮފިތަކުން އަބަދުވެސް ބުނަމުންދަނީ އެމީހުންނަކީ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ކަމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ ކަނާތު ފިޔައިގެ ހަރުކަށި ފަރާތްތަކުން، މުސްލިމް ހިޖުރަވެރިންނާއި އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކަކީ މުސްލިމް ބްރަދަހުޑާ ގުޅުން އޮންނަ ބައެއް ކަމަށް ތުހުމަތުކޮށް، އެފަރާތްތަކުގެ އަގުވައްޓާލުމަށް އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ. އަދި އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ޓްރަމްޕްގެ ބައެއް ބައިވެރިންވެސް ގެންދަވަނީ އެ ޖަމާއަތް ބްލެކްލިސްޓް ކުރުމަށް ވަކާލާތު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު