މިއަހަރުގެ ފެބުރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޓް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 126.85 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލިބުނު 137.72 މިލިޔަން ޑޮލަރާ އަޅާބަލާއިރު، މިއީ 7.9 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޑޮލަރު އާމްދަނީ ޖުމްލަކޮށް ދަށްވެފައިވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ މަދުވުމުންނެވެ. އެގޮތުން، ރިސޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު 35 މިލިޔަން ޑޮލަރު ލިބިފައިވީ ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އެ ފީގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިޔަން ޑޮލަރެވެ.

ޖުމްލަ ޑޮލަރު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސްގެ ގޮތުގައި ޑޮލަރުން ފައިސާ ދެއްކި މިންވަރު އިތުރުވުމަކީ އިގްތިސާދީ ގޮތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި މީރާއިން ފާހަގަކުރެއެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ 20 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ 20 އިންސައްތަ އިތުރުވެފައިވާއިރު، މި ފެށުނު ރަމަޟާން މަހު، ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު 32 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ނިންމައިފައެވެ.



ކިޔުންތެރިންގެ ހިޔާލު