ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރު ބައެއްކަން ސާބިތުކޮށްދޭންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެއިން ތެލުގެ އެހީތެރިކަމަށް އިންޑިއާގައި އެދިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެފަދަ އެހީތެރިކަމަކަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރުކަމާއެކު ކަންކަން ކުރާ ގައުމެއްކަން ދައްކުވައިދޭންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަކީ މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތާރީޚީ ގޮތުން ރާއްޖެއަށް ދިމާވި ބޮޑެތި ގޮންޖެހުންތަކުގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަން ނަޝީދު ވަނީ ހަނދުމަފުޅު އާކުރައްވާފައެވެ. އެގޮތުން 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އިތުރުން، މާލެއަށް ދިމާވި ފެނުގެ ދަތިކަމާއި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އަވަސް އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު