ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ބަހާ ފައިސާގައި ހިފި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

އައްބާސް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ، ހޭވައްލާ ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.އައްބާސް އިތުރަށް ވިދާޅުވީ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ރައްޔިތުންނަށް ފައިސާ ބަހާނެ ކަމަށާއި، އެ ފައިސާ ބަހަން ފެށުމުން އޭގައި ހިފަންވާނެ ކަމަށެވެ. އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ފައިސާ ބަހައި، ވަޒީފާގެ ފުރުޞަތުތައް ދޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އިންތިޚާބަށް ބަހަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށްވާތީ، އެ ފައިސާގައި ހިފުމަށާއި ވަޒީފާތަކަށް ދިއުމަށް އައްބާސް ގޮވާލެއްވިއެވެ. ނަމަވެސް، އެއްވެސް ހާލެއްގައި ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވުމަށް އައްބާސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އިންތިޚާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މިގޮތުން، ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ކާމިޔާބު ކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު