އދ. ދިގުރަށުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިތުރު ފަރުވާއަށް މާލެ ގެނެވުނު ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެެވެ.

ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ ކޮށްފައިވާ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވީ ރޭ 2:00 އެހާކަންހާއިރެވެ. މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން ޖުމްލަ 8 މީހަކު ދިގުރަށު ޞިއްޙީ މަރުކަޒަށް ގެންދެވުނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފަރުވާ ދެމުން ދިޔަ ފަރާތްތަކުގެ ތެރެއިން 5 ބިދޭސީއަކު ރޭ ވަނީ ނިޔާވެފައެވެ.

މިހާދިސާގައި ސީރިއަސް ޒަހަމްތަކާ އެކު ވަރަށް ބޮޑަށް ފިހިފައިވާ ދެ ބިދޭސީއަކު ވަގުތުން މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދޭން ވަނީ ފަށާފައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ ފަރުވާ ދެމުންދާ ދެ ބިދޭސީންގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި މިވަގުތު ފަރުވާ ދެމުންދަނީ ވެސް ވެންޓިލޭޓަރުގައި ކަމަށެވެ.

މިހާދިސާ ތަހުގީގު ކުރުމަށްޓަކައި، ފުލުހުންގެ ތަހުގީގު ޓީމެއް މާލެއިން ދިގުރަށަށް މިހާރު ވަނީ ގޮސްފައެވެ.

ދިގުރަށު ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ދެ ބިދޭސީއަކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި އަލިފާން ރޯވީ ގޭސް ލީކުވުގެން ކަމަށް ބެލެވޭ ކަމަށެވެ.އަލިފާން ރޯވިއިރު އެކޮމޮޑޭޝަން ދިރިއުޅޭ ގިނަ ބިދޭސީން ތިބީ ނިދާފައިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އެހެން ނަމަވެސް، ހާދިސާ ހިނގި ސަބަބާ ގުޅޭ ތަފްސީލެއް ކަމާ ބެހޭ އިދާރާ އަކުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު