އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ވައްޓާލައިގެން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ ރޭ ދަންވަރު 01:57 ހާއިރުކަމަށެވެ. އެއާއިއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އޭރު އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެންނެވެ.

މި ހާދިސާގައި ފަސް މީހަކު ނިޔާވެފައިވާއިރު، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ދެރަވުމާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާއިރު އެ ދެމީހުންގެ ހާލު ވެސް ސީރިއަސްއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ އެ ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް ދިގުރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 2:30 ހާއިރުކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމެއް މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ގޮސްފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް