މަރްޔަމް ނަހްދާ ވަޙީދު   15 މާރިޗު 2026 - 4:40
އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ އެންމެ އާދަޔާޚިލާފު އެއް ކަމަކީ، އެމީހަކަށް އެންމެ ބޮޑަށް އަނިޔާވެރިވާ ނުވަތަ ހިތާމަދޭ މީހާގެ ކިބައިން ވަކިނުވެވި، އެމީހާދެކެ ގަޔާވެވުމެވެ. މިއީ ބައެއް ފަހަރު ބުއްދި ގަބޫލުކުރަން ދަތި ކަމަކަށް ވީ ނަމަވެސް، ނަފްސާނީ ގޮތުންނާއި ރޫޙާނީ ގޮތުން މިކަމަށް ވަރަށް ފުން ސަބަބުތަކެއް ހުރެއެވެ. މިފަހަރު މި ބަލައިލަނީ އެންމެ ދެރަކުރާ މީހާދެކެ ގަޔާވެވެން މެދުވެރިވާ މުހިންމު ސަބަބުތަކަށެވެ.

ނަފްސާނީ އިލްމުވެރިން ބުނާގޮތުގައި، އަޅުގަނޑުމެން ބޮޑެތިވާއިރު ގުޅުންތައް ބާއްވާނެ ގޮތް ބިނާވަނީ ކުޑައިރު އާއިލާގެ ތެރޭގައި ލިބުނު ތަޖުރިބާތަކުގެ މައްޗަށެވެ. ކުޑައިރު އަޅާނުލުމާއި، ހަރުކަށިކަމުގެ ތެރޭގައި އުޅެންޖެހުނު ކުދިން ބޮޑެތިވުމުން، އެމީހުންނަށް "ލޯތްބަކީ" އަނިޔާއާއި ތަދު ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރެވެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް އަނިޔާކުރާ މީހުންނަކީ 'މައުސޫމް' ބައެއް ކަމަށް ފެނި، އެފަދަ މީހުންގެ ކިބައިން ލޯބި ހޯދަން ނޭނގި ނަމަވެސް މަސައްކަތް ކުރެވެއެވެ.

ގިނަ ފަހަރަށް އަނިޔާވެރި މީހާދެކެ ލޯބިވެވެނީ، އެމީހާ "އިޞްލާޙު" ކުރެވޭނެ ކަމުގެ އުންމީދުގައެވެ. ތިމާގެ އޯގާތެރިކަމުން އެމީހާގެ ހިތް ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރުމަކީ އިންސާނީ ތަބީޢަތުގައި ހުންނަ ކަމެކެވެ. މިއީ ކުޑައިރު އަމިއްލަ މައިންބަފައިންގެ ލޯބި ހޯދުމަށް ކުރި މަސައްކަތުގެ ތަކުރާރުވުމަކަށް ވެސް ވެދާނެއެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމަކީ ވެސް މީގެ ސަބަބެކެވެ. ތިމާއަކީ ލޯބި ލިބުން ހައްގު މީހެއް ނޫން ކަމަށް ގަބޫލުކުރެވޭ ނަމަ، އަނިޔާވެރި މީހެއްގެ ފަރާތުން ލިބޭ ކުޑަ އޯގާތެރިކަމެއް ވެސް ބޮޑު ކަމެއްގެ ގޮތުގައި ފެނި، އެ ގުޅުމުގައި ދެމިތިބެން ބޭނުންވެއެވެ.

ނަފްސާނީ ގޮތުން މިފަދަ ގުޅުންތަކުގައި މީހާ ބެދޭ އެންމެ ބޮޑު އެއް ސަބަބަކީ "އިންޓަމިޓެންޓް ރިއިންފޯސްމަންޓް" އެވެ. އަނިޔާވެރި މީހާ އަބަދު ގޯސްކޮށް ކަންތައް ކުރަނީއެއް ނޫނެވެ. ބައެއް ފަހަރު ވަރަށް ބޮޑަށް ލޯބިދީ، އަނެއްބައި ފަހަރު ވަރަށް ބޮޑަށް ދެރަކުރެއެވެ. މިގޮތަށް ދޭތެރެ ދޭތެރެއިން ލިބޭ "ލޯބީގެ ވަގުތުކޮޅުތަކަށް" އިންތިޒާރު ކުރުމުގައި މީހާ ދެވިހިފަނީއެވެ. މިއީ ޖުވާ ކުޅޭ މީހަކު މޮޅުވާނެ ވަގުތަކަށް އިންތިޒާރު ކުރާ ފަދަ ކަމެކެވެ. އެ ކުޑަ އުފާވެރިކަން ހޯދުމަށްޓަކައި ބޮޑު އަނިޔާއަށް ކެތްކުރެވެނީއެވެ.

ރޫޙާނީ ނަޒަރަކުން ބަލާއިރު، މިފަދަ ގުޅުންތަކަކީ އަމިއްލަ ނަފްސު ވަރުގަދަކޮށް، ކުރީގެ ޒަޚަމްތަކުން ފަރުވާ ހޯދުމަށް ލިބޭ ފުރުސަތުތަކެއް ކަމަށް ބައެއް ފަތާތްތަކުން ދެކެއެވެ. މިފަދަ ގުޅުންތަކުން ކުރިމަތިވާ ގޮންޖެހުންތަކަކީ އަމިއްލަ ނަފްސުގެ އަގު ވަޒަންކުރަން ދަސްކޮށްދޭ ފިލާވަޅުތަކެކެވެ. އެހެން މީހަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް ލޯބިވާން ދަސްކުރުމަކީ މިފަދަ ގިނަ ގުޅުންތަކުން ލިބޭ އެންމެ ބޮޑު ރޫޙާނީ ކުރިއެރުމެވެ.

އެންމެ ދެރަކުރާ މީހާދެކެ ގަޔާވެވެނީ އެއީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. މިއީ ބަލިކަށިކަމެއް ނޫނެވެ. ނަމަވެސް، މިއީ އަމިއްލަ ނަފްސަށް ލޯބިވާންވީ ވަގުތު ޖެހިއްޖެކަމުގެ ނިޝާނެކެވެ. ކޮންމެ އިންސާނަކީ ވެސް އިޙްތިރާމާއި އޯގާތެރިކަމާއެކު ލޯބި ލިބުން ހައްގު މީހެކެވެ. އެހެންކަމުން، އަނިޔާވެރި ގުޅުންތަކުން ދުރުވެ، އަމިއްލަ ނަފްސުގެ އަގު ވަޒަންކުރަން ދަސްކުރުމަކީ އުފާވެރި ދިރިއުޅުމަކަށް އޮތް ހަމައެކަނި މަގެވެ.



ކިޔުންތެރިންގެ ހިޔާލު