މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޚާއްޞަ ޓާސްކްފޯހެއް އުފެއްދުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދުނިޔެ މިއަދު އޮތީ ގޮތް ނޭނގޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި، މި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމަކީ ރާއްޖެ ކަމަށެވެ. ރާއްޖޭގެ އިމްޕޯޓް ވިޔަފާރީގެ ބޮޑު ބައެއް، ޚާއްޞަކޮށް ކޯވިޑް-19 އަށް ފަހު، މެދުއިރުމައްޗާ ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ނާއިބް ރައީސް ފައިސަލް ވިދާޅުވީ، ތެލާއި، ގޭސް އަދި އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނުވާނެ ކަމަށް މިދިޔަ ހަފުތާގައި ސަރުކާރުން ޔަޤީންކަން ދީފައިވީ ނަމަވެސް، މިއަދު ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެޔޮ ގަތުމަށް ސަރުކާރުން މަހަކު ކުރާ 50 މިލިއަން ޑޮލަރުގެ ހޭދަ 75 މިލިއަން ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، ރިސޯޓުތަކާއި ކުދި ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ފައިސަލް އިންޒާރު ދެއްވިއެވެ.

އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ކުރީގެ ނައިބު ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އިޤްތިޞާދު އެންމެ ރަނގަޅަށް މެނޭޖު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިހާރުވެސް ދަރަނި ދެއްކުމަށާއި ޚަރަދުތައް ފޫބެއްދުމަށް އިތުރު ދަރަނި ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިއީ ދަރަނި ހޯދުމަށްވެސް އުނދަގޫ ވަގުތެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހަނގުރާމަ އާއި ގުޅިގެން ފައިސަލް ނަސީމް ވަނީ ސަރުކާރަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.

ޓާސްކްފޯހެއް އުފެއްދުން: ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން، ކަމާގުޅޭ ފަރާތްތަކާއެކު ޤައުމުގެ ކަންކަން މެނޭޖުކުރުމަށް ޓާސްކްފޯހެއް އުފެއްދުން.

އިސްރާފު ހުއްޓާލުން: ސަރުކާރަށް ތާއީދު އިތުރުކުރުމަށް އުފައްދާ ބޭކާރު ވަޒީފާތަކަށް މީހުން ނެގުމާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އިސްރާފު ހުއްޓާލުން.

ޚަރަދު ކުޑަކުރުން: ސަރުކާރު އޮފީސްތަކުގެ ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.

ތެދު މަޢުލޫމާތު ދިނުން: އެއްވެސް ހާސްކަމެއް ނެތްކަން ދެއްކުމުގެ ބަދަލުގައި، ރައްޔިތުންނަށް ޒިންމާދާރުކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުން.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، ބޭސްފަރުވާއާއި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން ފަދަ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ވަރަށް ހަރުދަނާކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންކަމުން، މިކަން ކުޑަކަމެއްގެ ގޮތުގައި ނުނަންގަވައި، ވަގުތު ފާއިތުނުވަނީސް ފިޔަވަޅު އެޅުއްވުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން މީގެ ކުރިން ވަނީ ދީފައެވެ. ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް ވެސް އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު