ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ އިސްވެރިޔާ ޑރ. ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ސަނީ އުމަރުގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ދެ ދައުވާއެކެވެ.

ސަނީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލު:

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ތިން ދައުވާ: މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން ދުވަސްވަރެއްގައި ހިންގާފައިވާ އަމަލުތަކަކާ ގުޅިގެންނެވެ. އެއީ ކުޑަ ކުއްޖެއްގެ އުމުރުން ހަތް އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް އެކި ދުވަސް މަތިން ހިންގި އަމަލުތަކާއި، އެ ކުއްޖާގެ އުމުރުން 9 ނުވަތަ 10 އަހަރުގައި ހިންގި އަމަލުތަކުގެ އިތުރުން، 10 ނުވަތަ 11 އަހަރުގައި ހިންގި އަމަލުތަކާ ގުޅިގެންނެވެ. މި ކޮންމެ ދައުވާއެއް ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ: މި ދައުވާ ކުރަނީ ސަނީގެ ފޯނުގައި ހެކި ހުރި ކަމަށް ތުހުމަތު ކުރެވިގެން، އެ ފޯނު ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިއްޖެ ކަމަށް ބުނެ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ: މި ދައުވާ ކުރަނީ އޭނާ ބޭނުންކުރާ ސިމް ކާޑުގެ ބާވަތާއި ނަންބަރާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ މި ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ ނަމަ، ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެ ހާލަތުގައި ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑްގެ ދަށުން ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ސަނީ އުމަރު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ފުރަން އެއާޕޯޓުގައި ހުއްޓައެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށްފަހު، ފުރައިގެން ދާން އުޅުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު