މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސިޔާސީ ބޭކާރު ޚަރަދުތައް ހުއްޓާލައި މަސްވެރިންނާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް ކުރީގެ މެންބަރު ސަޢުދު ޙުސައިން ގޮވާލައްވައިފިއެވެ.

ސަޢުދު މިކަމަށް ގޮވާލައްވާފައިވަނީ، މިއަދުން ފެށިގެން މިފްކޯއިން މަސްވެރި އޮޑިދޯނިފަހަރަށް ވިއްކާ ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް ބޮޑުކޮށްފައިވަނިކޮށެވެ. މިފްކޯއިން މިއަދު ނެރުނު މެމޯއެއްގައިވާ ގޮތުން، މަސްކިރާ ދޯނިފަހަރަށް ލީޓަރެއް ވިއްކާ އަގު ވަނީ 27.24 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާ އަގު ވަނީ 28.54 ރުފިޔާއަށް އުފުލިފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، މަސްވެރިކަމަކީ ގައުމުގެ ފުޑް ސެކިއުރިޓީ އާއި އުފެއްދުންތެރިކަމުގެ އިތުރުން ރާއްޖޭގެ މައި އެކްސްޕޯޓް އިންޑަސްޓްރީ ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގަށް ބަދަލު ނުގެނެސް، ތެލުގެ އަގަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ މަސްވެރިން މަހަށް ނުކުތުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ހާލަތްތަކުގައި ގައުމުގެ އިގްތިސޯދު ހިފަހެއްޓުމަށް އިންޑަސްޓްރީތައް ހުއްޓިޔަދީގެން ނުވާނެ. މިއީ ރާއްޖޭގައި މަސްވެރިކަން އެންމެ ރަގަޅުވާ ދުވަސްވަރު،" ސަޢުދު ވިދާޅުވިއެވެ.

ސަޢުދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ދިވެހި އުފެއްދުންތެރިންނަށް ނުކުރާނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ސިޔާސީ ބޭކާރު ޚަރަދުތައް ކުޑަކުރުމަށްފަހު، އެ ފައިސާއިން މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްސަ ސަބްސިޑީއެއް ދިނުމަކީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަޢުދު ވިދާޅުވިއެެވެ.

މިފްކޯއިން ތެލުގެ އަގަށް މި ގެނައި ބަދަލާއެކު، މަސްވެރިންގެ ފަރާތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން، މަސްވެރި އާއިލާތަކަށް އިންތިހާއަށް ދަތިވެ، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު