ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގަން އުޅޭ ރިފަރެންޑަމް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ސާފުނުވާކަމަށް ވިދާޅުވެ، އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭގެ މެމްބަރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް ( އިބުރާ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިކަމާ ގުޅޭގޮތުން ޤާނޫނީ ވަކީލުން އެއްޗެއް ބުނޭތޯ ވަރަށް ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ހުންނެވި ކަމަށެވެ. އިބުރާ ވަނީ ޤާނޫނުއަސާސީއަށް މިހާރު ގެންނަން އުޅޭ ބަދަލަކީ ޤާނޫނުއަސާސީން ހުއްދަކުރާ ބަދަލެއްތޯ ސުވާލު އުފައްދަވާފައެވެ.

އިބުރާ ވިދާޅުވިގޮތުގައި ރައްޔިތުންގެ ވޯޓަކަށް މި ހުށަހަޅާ ބިލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ފެތޭ ކަމެއް ނޫނެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރަނީ 79 ވަނަ މާއްދާގެ (ހ) އެވެ. އެ މާއްދާގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ 5 އަހަރު ދުވަސް ކަމަށެވެ.

މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން އިބުރާ ވިދާޅުވީ، 262 ވަނަ މާއްދާގެ ދަށުން ބަދަލުކުރެވޭނީ މަޖިލީހުގެ އުމުރު ކަމަށެވެ. އެބަހީ، މަޖިލީހުގެ އުމުރު 5 އަހަރުން އެހެން އަދަދަކަށް ބަދަލުކުރާނަމަ، ބަދަލުކުރުމަށްފަހު ދެން އަބަދުވެސް އޮންނާނީ އެގޮތަށް ކަމަށެވެ. ނަމަވެސް މިހާރު މި ހުށަހަޅާ ގޮތުން މަޖިލީހުގެ އުމުރާމެދު ސުވާލު އުފެދޭ ކަމަށް އިބުރާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ އާންމު ވޯޓަކަށް ހުށަހަޅަން ޖެހޭނީ އެންމެ ސުވާލެކެވެ. އޮންނަންޖެހޭނީ އެންމެ ޖަވާބެކެވެ. މިހާރު މިހުށަހަޅާ ސުވާލުގައި އެއަހަނީ ކީކޭ ހެއްޔެވެ؟ މަޖިލިހުގެ އުމުރަކީ 4 އަހަރާ ބައި ހެއްޔެވެ؟ ނުވަތަ 5 އަހަރު ހެއްޔެވެ؟" އެމްޑީޕީގެ ފުރަތަމަ ރައީސްގެ މަޤާމު އަދާކުރެއްވި އިބުރާ ސުވާލު ކުރެއްވިއެވެ.

އިބުރާ އިތުރަށް ވިދާޅުވީ، ހިނގަމުންދާ މަޖިލީހެއްގެ އުމުރު ކުރުކޮށްފައި، އަލުން އިންތިޚާބެއް ބާއްވައި، އަނެއްކާވެސް ކުރިން އޮތް އުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުންނާބު އުސް ޤާނޫނީ ވަކީލަކު އެހެން މާނައެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން އިބުރާ ވަނީ މި އިޞްލާޙުގެ ޞައްޙަކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ.

ފެންނަ ނުފެންނަ ވޯޓުގައި ކުރާނެ ސުވާލަކީ ކޮބައި؟

މި ރެފަރެންޑަމްގައި ރައްޔިތުންނާ ސުވާލުކުރާނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުންނެވެ. އެ ސުވާލަކީ:

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށާއި، މަޖިލީހުގެ ދައުރު ގުނާނެ އުސޫލު ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 'ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ؟" އެވެ.

މި އިސްލާހަށް ރައްޔިތުންގެ ތާއިދު ލިބިއްޖެނަމަ، 2028 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަމުންދާނީ އެކުއެކީގައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުއެވެެ.



ކިޔުންތެރިންގެ ހިޔާލު