ރިފަރަންޑަމް ބިލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-
ރިފަރަންޑަމް ބިލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭ ރެފަރެންޑަމް ނުވަތަ އާންމު ފެންނަ ނުފެންނަ ވޯޓުގެ ބިލް ތަސްދީގު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވިދާޅުވީ، ރެފަރެންޑަމްއާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ މައިގަނޑު އަސާސަކީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފުވެފައިވުމެވެ. ގާނޫނުއަސާސީގެ އެ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ ބިލެއް ތަސްދީގު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ.

އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ތަސްދީގު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ނުހިމަނައި ގުނި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ.

"މިހާރު އެ ބިލަކީ ބާތިލު ބިލެއް. ބާތިލު ބިލެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ ގާތުގައި އަހަންޖެހޭ އެއްވެސް ވޯޓެއް ނޯންނާނެ،" އަލީ ހުސައިން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މުއްދަތުތައް ފާއިތުވެފައިވާތީ އެ ބިލަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު