އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ އަވަހާރަވެެއްޖެކަން އިރާނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާކަން އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަށަވަރު ކޮށްދީފައެެވެ.

އީރާނުގެ އެންމެ މަތީ ގައުމީ މަޖިލީހުން ނެރުނު ބަޔާނެއްގައި ލަރިޖާނީ ސިފަކޮށްފައިވަނީ ގައުމީ ޚިދުމަތުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނެވި، ގައުމުގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި މަތިވެރި ފަހުލަވާނެއްގެ ގޮތުގައެވެ. އަދި އޭނާ ވަނީ ޝަހީދެއްގެ ދަރަޖަ ހޯއްދަވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ލަރިޖާނީގެ އިތުރުން، އެ ގައުމުގެ ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީވެސް ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާކަން އިޒްރޭލުން މިއަދު ހަވީރު ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ދެ ބޭފުޅުން އަވަހާރަކޮށްލާފައިވަނީ ތެހެރާންގައި ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށްގެން ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ.

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުކޮށްލި އަލީ ލަރިޖާނީ އާއި ކޮމާންޑަރު ގުލާމް ހުސެއިން ސުލައިމާނީގެ ޖަނާޒާ މާދަމާ (ބުދަ ދުވަހު) ތެހެރާންގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ޖަނާޒާ ބާއްވަން ނިންމާފައިވަނީ މަނަވަރު 'ޑާނާ' ގެ ޝަހީދުންގެ ޖަނާޒާއާ އެކުގައެވެ.

ލަރިޖާނީއަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާގައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ އެންމެ އިސް އެއް ބޭފުޅާކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު