އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެމެރިކާގެ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯރ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި އޭނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކާއެކު އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެ ގައުމުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައިވެެެއެވެ.

ސާޖިއޯ ގޯރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ކުރިއެރުވުމަށް ކަމަށް ވެސް އެމެރިކާއިން ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަން ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ. އެމެރިކާއިން ވަނީ ރާއްޖެއާއެކު އޮންނަ މި ޒަމާންވީ ގުޅުމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު