އައްޑޫ ސިޓީ ހިތަދޫ ސެންޓްރަލް ޕާކުގައި ފިތުރު ޢީދުގެ މުނާސަބަތާ ގުޅުވައިގެން މިރޭ ހަވާ އެރުވުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމެއް ނިމި، ހަވާ އެރުވުމަށް ތިން ގަޑިއިރަށް ވެފައިވަނިކޮށް އެމްއެންޑީއެފުން އެކަން ކެންސަލްކޮށްފިއެވެ.

މިރޭ 20:30 ގައި ހަވާ އެރުވުމަށް ތައްޔާރުވެފައިވަނީ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތާ ވެސް ގުޅުވައިގެންނެވެ. ނަމަވެސް، ހަވާ އެރުވުން ކެންސަލްކުރިކަން އެމްއެންޑީއެފުން އަންގާފައިވަނީ މިއަދު ހަވީރު 17:45 ހާއިރު ސިފައިންގެ ކުންފުނި ސިފްކޯއިން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި އީމެއިލްއެއް މެދުވެރިކޮށެވެ.

ސިފްކޯއިން ފޮނުވި އީމެއިލްގައި ބުނެފައިވަނީ ހަވާ އެރުވުން ކެންސަލްކުރަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނީ، ހަވާ އެރުވުން ކެންސަލް ކުރިއިރު އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި، ހަވާ އެރުވުމަށް ތައްޔާރުކުރަންޖެހޭ ސެޓް-އަޕް ވެސް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.

ހަވާ އެރުވުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެކަން ހުއްޓާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަން ހުއްޓުވާފައިވަނީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު