ހޫނު ދުވަހެއް
ހޫނު ދުވަހެއް
ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކަމަށް ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 11:00 ގައި ނެރުނު ރެކޯޑުތަކުން ދައްކާ ގޮތުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެވަރެޖުކޮށް ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. މީގެ ތެރެއިން އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔައީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި ހޫނުމިން ހުރީ 36.8 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ލ. ކައްދޫ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ޑިގްރީ ސެލްސިއަސްގައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވުމުން، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ. އެގޮތުން، ދުވާލުގެ އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ވެސް ގަޔަށް ފަސޭހަ، މަޑު ފޮތީގެ ހެދުން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ހޫނުގެ ސަބަބުން އެނބުރުން އެރުމާއި، މާ ގަދައަށް ބޮލުގައި ރިއްސުމުގެ އިތުރުން ހަށިގަނޑު ވަރުދެރަވާ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް އާންމުކޮށް އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދަނީ މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ. މި ދުވަސްވަރު ހޫނުގަދަވުމަކީ ދިވެހިރާއްޖޭގެ ދުވަސްތަކާއި ރޭތަކުގެ ހޫނުމިން ހުންނަ މިންވަރާއި ވައިގެ ތެތްކަން ހުންނަ މިންވަރަށް ބިނާކޮށް ކުރިމަތިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު