މަރްޔަމް ނަހްދާ ވަޙީދު   26 އޮކްޓޯބަރު 2026 - 13:24
މޫސުން ގޯސް ދުވަހެއްގައި ކޯސްގާޑް އުޅަނދެއް. ފޮޓޯ: އެމްއެންޑީއެފް
މޫސުން ގޯސް ދުވަހެއްގައި ކޯސްގާޑް އުޅަނދެއް. ފޮޓޯ: އެމްއެންޑީއެފް
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް، މިއަދު ހަވީރު 5:00 އާ ހަމައަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ލަފާކުރައްވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެއެވެ. އިންޑިއާގެ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް، އެ ތޫފާންގެ ސަބަބުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަނީ ގޯސްވެފައެވެ. އަދި މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް، ގިނަ ސަމާލުތަކެއް ނެރެމުންނެވެ.

މިއަދު ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު