ފިލިޕީންސް
ފިލިޕީންސް
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމާއި އަގުތައް އަތްނުފޯރާ ފަށަށް އުފުލިގެން ދިއުމާ ގުޅިގެން، ފިލިޕީންސް ވެފައިވަނީ ގައުމީ ހަކަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުނިޔޭގެ ފުރަތަމަ ގައުމަށެވެ.

ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ އެގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ އިންޒާރު ދެއްވައި، ހާއްސަ އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވާފައެވެ. މި ކްރައިސިސް ދިމާވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ އުފުލާ އުޅަނދުފަހަރުގެ މުހިންމު މަގެއް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމުޒްގެ ދަތުރުފަތުރަށް ބުރޫއެރުމެވެ. މީގެ ސަބަބުން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ފިލިޕީންސް ފަދަ ތެލަށް ބަރޯސާވާ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، ބޭނުންވާ ތެލުގެ 98 އިންސައްތަ އިމްޕޯޓްކުރާ ފިލިޕީންސްއަށް މިކަމުގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަމަނުޖެހުންތައް ފެށުނު ފަހުން، އެގައުމުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ދެގުނައަށް ވުރެ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން އާންމު ގޭބިސީތަކަށާއި ވިޔަފާރިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ދަށުން، ތެޔޮ ބެހުމުގެ ކަންކަން ބެލެހެއްޓުމާއި ސީދާ ތެޔޮ އުފެއްދުންތައް ގަތުމުގެ ފުރިހަމަ ބާރު މިހާރު ވަނީ ސަރުކާރަށް ލިބިދީފައެވެ. އަދި ތެލުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ މުދާ ބެހުމުގެ މަސައްކަތް ބަލަހައްޓާނެ ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ. މި އިއުލާނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރާނެއެވެ.

އެނާޖީ ސެކްރެޓަރީ ޝެރޯން ގާރިން ވިދާޅުވީ، މިހާރު ފިލިޕީންސްގައި ހުރީ ގާތްގަނޑަކަށް 45 ދުވަހުގެ ތެލުގެ ރިޒާވެއް ކަމަށެވެ. ލިކުއިފައިޑް ނެޗުރަލް ގޭހުގެ އަގު ބޮޑުވުމާ ގުޅިގެން، ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި ވަގުތީ ގޮތުން ކޮލުން ހިންގާ އިންޖީނުގެތަކަށް ބަރޯސާވާ މިންވަރު އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް، ސަރުކާރުގެ މި ނިންމުންތަކަށް ލޭބަރ ގްރޫޕްތަކާއި ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ފާޑުކިޔަމުންނެވެ. 'ކިލޫސަންގް މޭޔޯ އުނޯ' އިން ސިފަކުރާ ގޮތުގައި މިއީ ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ގަބޫލުކުރުމެކެވެ. އަދި މި އިއުލާނުގެ ދަށުން މަސައްކަތްތެރިންގެ ހަޅުތާލުތައް ހަނިކުރެވޭ ފަދަ މާއްދާތަކެއް ހުރުމުން އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާމްދަނީއަށް ނޭދެވޭ އަސަރު ކުރަމުންދާތީ، ދަތުރުފަތުރުގެ މަސައްކަތްތެރިންނާއި ރައިޑް ހެއިލިންގ ޑްރައިވަރުން ދަނީ ބުރާސްފަތި އަދި ހުކުރު ދުވަހު ދެ ދުވަހުގެ ހަޅުތާލެއް ކުރުމަށް ތައްޔާރުވަމުންނެވެ. މި ހާލަތުން ހާމަވަނީ އޭޝިއާގެ ގައުމުތައް މެދުއިރުމަތީގެ ހަކަތައަށް ބަރޯސާވެފައިވާ މިންވަރެވެ. މި ސަރަހައްދަށް ބޭނުންވާ ތެލުގެ 90 އިންސައްތަ އުފުލަނީ ސްޓްރޭޓް އޮފް ހޮރްމޫޒް މެދުވެރިކޮށެވެ.

އެހެންކަމުން ހަކަތަ އިގްތިސާދު ކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ޑްރައިވަރުންނަށް ސަބްސިޑީ ދިނުމާއި، ފެރީގެ ހިދުމަތްތައް މަދުކުރުމުގެ އިތުރުން ސިވިލް ސާވަންޓުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ފިލިޕީންސްއަށް ކުރިމަތިވެފައިވާ މި ހަކަތައިގެ ކްރައިސިސްއަކީ މުޅި ދުނިޔޭގެ އިގްތިސާދަށް ލިބެމުންދާ އިންޒާރެކެވެ.



ކިޔުންތެރިންގެ ހިޔާލު