މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި އޮމާން އާއި ސީރިއާ އިން ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އޮމާނަށް ކުރަމުންދާ މި ގަދަ ވިއްސާރައިގައި ފެންބޮޑުވުމުގެ ޙާދިސާތައް ކުއްލިއަކަށް ކުރިމަތިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ތިރި ސަރަހައްދުތަކާއި ހިކިފައި ހުންނަ ކޯރުތައް ފުރިގެން ބާރުމިނުގައި ފެންގަނޑު ދެމިގަތުމުގެ ސަބަބުންނެވެ. މި ހާދިސާގައި ބައެއް އުޅަނދުތައް ފެންގަނޑާއެކު އޮޔާ ގޮސްފައިވާއިރު، ފެންގަނޑު ބޮޑުވިލެއް އަވަސްކަމުން ދަތުރުވެރިންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ.

އޮމާންގެ ކަމާބެހޭ އިދާރާތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، މިހާތަނަށް ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮމާންގެ އިތުރުން ސީރިއާގެ ހާލަތުވެސް އޮތީ ނާޒުކު ޙާލަތެއްގައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށާއި އަވަށްތަކަށް ފެންވަދެ، ބައެއް އާއިލާތަކަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ. ސީރިއާގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން، ފެން ހިންދާ ނިޒާމުތަކަށް ބާރުބޮޑުވެ، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ވަނީ އިތުރުވެފައެވެ.

މި ކުއްލި ވިއްސާރައިގެ އަސަރު މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކަށް ވެސް ވަނީ ކޮށްފައެވެ. ގަދަ ވަޔާއެކު ގަނޑުފެން ފޭބުމުގެ ސަބަބުން މަގުތައް ބަންދުވެ، ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫއަރައި، ބައެއް ސަރަހައްދުތަކުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މޫސުމީ މާހިރުން ވިދާޅުވީ، މިއީ އެ ސަރަހައްދަށް އާންމުކޮށް ކުރިމަތިވާ ކަމެއް ނޫން ކަމަށެވެ. މިއީ ލޯ-ޕްރެޝަރާއި ވައިގެ ތެތްކަން އެއްވުމުގެ ސަބަބުން އުފެދުނު ބާރުގަދަ ވިއްސާރައެކެވެ. މެދުއިރުމަތީގެ ގައުމުތަކަކީ އާންމުކޮށް ހަނަފަސް މޫސުމެއް އޮންނަ ގައުމުތަކެއް ނަމަވެސް، މިފަދަ ކުއްލި ވިއްސާރަތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، މޫސުމީ ބަދަލުތަކާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ފެންބޮޑުވާ ސަރަހައްދުތަކަށް ނުދިއުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު