ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ރިޝްވަތުގެ ގޮތުގައި އެތައް ވަޒީފާއެއް ބަހަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތުހުމަތު ކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ސަރުކާރުން ހިންގަމުންދާ މިފަދަ ކަންކަމަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. އަދި މި އިންތިޚާބުގައި ދޭ ވޯޓަކީ އެކަމަށް ދެވޭ ޖަވާބަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކާއި އިދާރާތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޞާލިޙް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ފެންނަނީ ކޮންމެވެސް މުއައްސަސާއެއްގެ ބާރު ކަނޑުވާލާ މަންޒަރު ކަމަށެވެ. "ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި. މިއަށް އެޕްރިލް 4 ގައި ޖަވާބުދޭން މި ޖެހެނީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ފާހަގަކުރެއްވީ، ރަށެއް ނުވަތަ ސިޓީއަކަށް ތަރައްޤީ ގެނެވޭނީ އެތަނެއްގެ ރައްޔިތުންގެ ވިސްނުމާ އެކު ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ތަރައްޤީއަށް އެކަނިވެސް 8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުތައް ދޫކޮށްލައިގެން ކަމަށްވީ ނަމަވެސް، މިހާރުގެ ސަރުކާރުގެ ވިސްނުން ހުރީ އެއާ އިދިކޮޅަށް ކަމަށްވެސް ރައީސް ޞާލިޙް ތުހުމަތު ކުރެއްވިއެވެ.

ކުރިއަށް އޮތް އިންތިޚާބަކީ އެންމެން އެއްކޮށް ގެނައި ހެޔޮ ވެރިކަން އަނބުރާ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، ލާމަރުކަޒީ ނިޒާމު ދަމަހައްޓާނީ އެމްޑީޕީން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ބަދަހި އައްޑޫއެއް ބޭނުންވާ ނަމަ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާ ނިންމަވާލައްވަމުން ރައީސް ޞާލިޙް ވަނީ އައްޑޫގެ މެނިފެސްޓޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، އެއީ ހާސިލް ކުރެވޭނެ ފުރިހަމަ މެނިފެސްޓޯއެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު