ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތް
ކ. ދޫނިދޫގައި ޕްރީ ފެބްރިކޭޓަޑް ސްޓީލް އެވިޑެންސް ބިލްޑިންއެއް އިމާރާތް ކުރުމަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) މެދުވެރިކޮށް 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުގެ 2018، 2019 އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ޓެންޑާ ބޯޑުގެ ހުއްދަ ނެތި ފުލުހުން ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލިއްޔަތު ގަވާއިދު ބުނާގޮތުން 500،000 ރުފިޔާއަށް ވުރެ މަތީގެ މަސައްކަތްތައް ހަވާލުކުރަންވާނީ އެ މަސައްކަތެއްގެ ކުރެހުންތަކާއި ތަފްސީލުތައް "ޓެންޑާ އިވެލުއޭޝަން ބޯޑަށް" ހުށަހަޅައި ފާސްކޮށްގެންނެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ދޫނިދޫގައި ޕްރީ ފެބްރިކޭޓަޑް ސްޓީލް އެވިޑެންސް ބިލްޑިންއެއް އިމާރާތް ކުރުމަށް 9.1 މިލިއަން ރުފިޔާގެ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޓެންޑަރ ބޯޑުގެ ހުއްދަ ހޯދުމަކާ ނުލައެވެ.

2018 ވަނަ އަހަރު މި އިމާރާތް އެޅުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދި ފުލުހުން ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ބުނެފައިވަނީ އިއުލާންކޮށްގެން މިކަން ކުރިއަށް ގެންދާނަމަ ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށާއި، ބޭރުގެ ފަރާތަކުން މި މަސައްކަތަށް 522،292 ޑޮލަރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތުން 100 ޕަސެންޓް އެޑްވާންސް ފައިސާ ދެއްކުމަށް އެދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެ ސިޓީއަށް ދިން ޖަވާބުގައި، ދިވެހި ފައިސާއިން ހަރަދުކުރާ ގޮތަށް އަގު ހޯދުމަށާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވެއެވެ. އޭގެ ފަހުން ޕޮލްވެކް މެދުވެރިކޮށް އަގު ހޯދައި، ފިނޭންސްގެ ހުއްދައާއެކު ޖުމްލަ 9،117،099 ރުފިޔާ ހަރަދުކޮށްގެން މި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިއީ ޓެންޑާ ބޯޑަށް ހުށަހަޅަންޖެހޭ ކަމެއް ކަމަށާއި، އެގޮތަށް އަމަލުކޮށްފައި ނުވާތީ މިއީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޕާފޯމެންސް ގެރެންޓީ ނެގުމުގައިވެސް ބޮޑެތި އިހުމާލުތަކެއް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ 848،000 ރުފިޔާގެ މަސައްކަތްތަކާއި، 2020 ވަނަ އަހަރުގެ 6.1 މިލިއަން ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދުމުގައި ވެސް ޕާފޯމަންސް ގެރެންޓީ ނަގާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު