ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއެކު، ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެ، ފަސިންޖަރުން އަންނަ ނިސްބަތް 70 އިންސައްތައަށް އުފުލިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ދުވާލަކު ގާތްގަނޑަކަށް 19 ފްލައިޓް ކެންސަލްވަމުން ދިޔަ ކަމަށެވެ. އެ ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވާލަކު 3،000 އަށްވުރެ މަދުވަމުން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރި މަސައްކަތުން މިހާރު އެދެވޭ ނަތީޖާތަކެއް ފެންނަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ. މިގޮތުން އެއާއޭޝިއާ، އެއާއިންޑިއާގެ އިތުރުން ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް މިހާރު ވަނީ އިތުރުކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ފެންނަ އެންމެ ރަނގަޅު ނަތީޖާއަކީ ބުކްލޯޑް ނުވަތަ ފަސިންޖަރުން އަންނަ އަދަދު އިތުރުވަމުން ދިއުން. ހަނގުރާމަ ފެށުނުއިރު ހުރީ 50 ޕަސެންޓުގައި. ނަމަވެސް މިހާރު މި އަދަދު ވަނީ 70 ޕަސެންޓަށް ގެނެވިފަ. އެއިރޯފްލޮޓުން ވެސް ހަފުތާއަކު ތިން ފްލައިޓް އޮންނާނެ، އެކަމުގެ ޝެޑިއުލް ވެސް ވަނީ ލިބިފަ." ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، މިދިޔަ ހަފުތާއިން ފެށިގެން ފްލައި ދުބާއީ އާއި އެމިރޭޓްސްގެ ފްލައިޓްތައް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައި ކަމަށެވެ. އަދި އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައި، އެ އެއާލައިނުން މިހާރު ވަނީ ޝެޑިއުލް ވެސް އިޢުލާނުކޮށްފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

"އެއާލައިން މި އޮޕަރޭޓް ކުރަނީ ދެ ޝެޑިއުލަކަށް. ރާއްޖޭގައި އަބަދުވެސް ވިންޓާ ޝެޑިއުލްއަށް ވުރެ ސަމާ ޝެޑިއުލްގައި ބުކް ލޯޑް ދަށްވާނެ. އެހެން ނަމަވެސް މި އަޅުގަނޑުމެންނަށް މި އެޕްރިލް މަހު ފަހުން ވެސް އެއިރޯ ފްލޯޓް އިތުރު ތިން ފްލައިޓް މެއިންޓެން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި އެބައޮތް. އަދި ޝެޑިއުލް ވެސް ފައިލް ކުރައްވާފައި އެބަވޭ." ވަޒީރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއަށް 6،342 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 627،496 އަށް އަރާފައެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ އެއާލައިންތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު