އަހަރެމެން ދޮގުހަދަނީ ކީއްވެ؟ ކުދިކުދި ކަންކަމުގައި ހަދާ "ދޮގުތަކުން" ފެށިގެން ގޮސް، އާދަވެގެން ހަދާ ބޮޑެތި ދޮގުތަކާ ހަމައަށް ބަލާއިރު، އުފެދޭ ސުވާލަކީ އަހަރެމެން ދޮގުހަދަނީތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ އަހަރެމެން ދޮގުހަދަނީ ކީއްވެގެންތޯއެވެ؟

ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އިންސާނުން އާންމުކޮށް ދޮގުހަދަން ފަށަނީ އުމުރުން ގާތްގަނޑަކަށް ހަތަރު އަހަރުގައެވެ. އެއީ ތިމާގެ ވަށައިގެންވާ މާހައުލާއި ކަންކަން ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށެވެ. މީގެ ތެރޭގައި ބޭނުންވާ ކަންކަން ހާސިލުކުރުމާއި، ސަލާމަތްވާން ބޭނުންވާ ކަންކަމުން (މިސާލަކަށް އަދަބު ލިބުމުން) ރެކުމަށްޓަކައި ދޮގުހަދައެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް، މިފަދަ ކަންކަމުގައި މީހުން މާ ހުޝިޔާރުވެއެވެ. އަދި އަމިއްލަ ނަފްސުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި ދޮގުހަދާ މިންވަރު އިތުރުވެއެވެ. ނަމަވެސް، އަސާސީ ސަބަބަކީ ހަމަ ކުރީގެ ސަބަބެވެ. އެއީ ބޭނުންވާ ކަމެއް ހާސިލުކުރުން ނުވަތަ ބޭނުންނުވާ ކަމަކުން ރެކުމެވެ. އިންސާނުންނެކޭ އެއްފަދައިން، ޖަނަވާރުންވެސް އެހެން ފަރާތްތަކަށް އޮޅުވާލުމަށްޓަކައި މިފަދަ އަމަލުތައް ކުރާކަން ފާހަގަކުރެވެއެވެ.

ޝައުގުވެރިކުރުވަނިވި ކަމަކީ، ނުދަންނަ ބޭނުން މީހުންނަށްވުރެ ބޮޑަށް، އާންމުކޮށް އެކުގައި މަސައްކަތްކުރާ މީހުންނާއި ރައްޓެހިންނަށް ދޮގުހެދުމަށް މީހުން ބޮޑަށް ލެނބޭކަމަށް ދިރާސާތަކުން ދައްކާތީއެވެ. ޔުނިވާސިޓީ އޮފް އަލްބާޓާގެ ދިރާސާވެރިއެއް ކަމަށްވާ ޖެނިފާ އާގޯ ވިދާޅުވާ ގޮތުގައި، އަހަރެމެން ބޭނުންވަނީ އެހެން މީހުންގެ ކުރިމަތީގައި (ޚާއްޞަކޮށް އަހަރެމެން އަޅާލާ މީހުންގެ ކުރިމަތީގައި) ރީތި ނަމެއް ހޯދުމަށާއި އަމިއްލަ ނަފްސުގެ ގަދަރު ހިމާޔަތްކުރުމަށެވެ.

ވިސްނާލަންޖެހޭ އަނެއް މުހިންމު ކަމަކީ، މީހަކު އަހަރެމެންނަށް ދޮގުހަދާކަން އެނގުމުން ކުރެވޭ އިހުސާސެވެ.

އެވަގުތު އަހަރެމެން ރުޅިއާދޭ ހެއްޔެވެ؟ ނުވަތަ ދެރަވޭ ހެއްޔެވެ؟ ހަގީގަތް ހާމަކުރުމަށްޓަކައި އަހަރެމެންގެ ހިތުގައި މަޖުބޫރުކަމެއް އުފެދޭ ހެއްޔެވެ؟ ހަގީގަތުގައި މިފަދަ އިހުސާސެއް އުފެދެނީ އަހަރެމެންގެ ނަފްސުގައި އުފެދޭ ނޭދެވޭ އަސަރެއްގެ ސަބަބުންނެވެ.

ޖެނިފާ އާގޯ އިތުރަށް ވިދާލުވެފައިވާ ގޮތުގައި އޭނާގެ ގާތް އެދުރަކު އަބަދުވެސް ގެންގުޅުއްވާ އުސޫލެއް އޮވެއެވެ. އެއީ، އެމީހަކު ދޮގުހަދާކަމުގެ ހެކި ކިތަންމެ ވަރުގަދައަށް ހުރި ނަމަވެސް، އެމީހަކަށް އިތުބާރުކުރުމެވެ. ސަބަބަކީ، އެއީ އާދަވެގެން ދޮގުހަދާ މީހަކަށް ނުވާނަމަ، އޭނާ ދޮގުހަދާކަން އަމިއްލައަށް އޭނާއަށް އެނގޭނެތީއެވެ. މިފަދަ މަތިވެރި އަޚުލާގީ މިންގަނޑެއް ހިފެހެއްޓުމުން، ތިމާގެ އަޚުލާގީ ބިންގާ ވަރުގަދަވުމުގެ އިތުރުން، ބޭކާރު ކުދިކުދި ކަންކަމުގެ ތެރެއަށް ވަދެ ވަގުތު ބޭކާރުވުމުން ސަލާމަތްވެވެއެވެ. ކޮންމެއަކަސް، ހަގީގަތަކީ ކޮންމެވެސް ދުވަހަކުން ހާމަވާނެ އެއްޗެކެވެ.

ފިޔޯޑޯ ޑޮސްޓޮވްސްކީގެ "ދަ ބްރަދާސް ކަރަމަޒޯވް" ގައިވާ ހިކުމަތްތެރި ބަހެއްގައިވެއެވެ.

"މިއަށްވުރެ ބޮޑަށް ސަމާލުވާންވީ ކަމަކީ، އަމިއްލަ ނަފްސަށް ދޮގު ނުހެދުމެވެ. އަމިއްލަ ނަފްސަށް ދޮގުހަދައި، އެ ދޮގުތައް ގަބޫލުކުރާ މީހާގެ ކިބައިގައި، ތިމާގެ އަމިއްލަ ނަފްސާއި ވަށައިގެންވާ މާހައުލުގައިވާ ހަގީގަތް ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން، އަމިއްލަ ނަފްސަށް އޮންނަ އިހުތިރާމާއި އެހެން މީހުންނަށް އޮންނަ ގަދަރުވެސް އޭނާގެ ކިބައިން ގެއްލިގެންދެއެވެ."

ދޮގު ހަދާ ކޮންމެ މީހަކީ "ޕެތޮލޮޖިކަލް ލަޔަރ" އެއްތަ؟

ދޮގު ހަދާ ކޮންމެ މީހަކީ "ޕެތޮލޮޖިކަލް ލަޔަރ" އެއް ނޫނެވެ. މި ލަގަބު މީހަކަށް ދެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ.

"ޕެތޮލޮޖިކަލް ލަޔަރ" ނުވަތަ އާދަވެގެން ހުއްޓުމެއްނެތި ދޮގުހަދާ މީހާ މި ލަފުޒަކީ، ކޮރަޕްޓް ސިޔާސީ ބޭފުޅުންނާއި ރިއަލިޓީ ޝޯތަކުގެ "ވިލަން" އިން ފަދަ އަޅުގަނޑުމެން ނުރުހޭ ކޮންމެ މީހަކަށް ނިސްބަތްކޮށް ބޭނުންކުރާ ބަހަކަށް ވަނީ ވެފަ އެވެ.

މީހެއްގެ ދޮގުވެރިކަން "ޕެތޮލޮޖިކަލް" ފަންތިއަށް ދަނީ ކޮން ހާލަތެއްގައި ހެއްޔެވެ؟

ނިއުޔޯކްގައި ހުންނަ 'ސެލްފް' (SELF) މެގަޒިންގެ ތަޖުރިބާކާރު ލިޔުންތެރިޔާ ޖެނާ ރިއޫ ލިޔެފައިވާ ލިޔުމެއްގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރު ކްރިސްޓީނާ ނީ އާހަވާލާދީ ލިޔުއްވާފައިވާ ގޮތުގައި، މިއީ ވަކި ބައްޔެއްގެ ގޮތުގައި DSM-5 (ނަފްސާނީ ބަލިތައް ގިންތިކުރާ މިންގަނޑު) ގައި ހިމެނޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ އުޅުމުގެ ތެރޭގައި ހަރުލާފައިވާ އާދައެކެވެ. ބޭރުފުށުން ބަލާއިރު މިއީ މަކަރުވެރިކަމެއްގެ ގޮތުގައި ފެނުނަސް، މީގެ އަސްލަކީ އެމީހެއްގެ ނަފްސާނީ ނުތަނަވަސްކަމާއި ބަލިކަށިކަމެވެ.

އަސްލު ޕެތޮލޮޖިކަލް ލަޔަރ އަކީ ކޮންމެހެން ތިޔަބޭފުޅާގެ ދިރިއުޅުން ހަލާކުކޮށްލަން އުޅޭ މީހެއް ނޫނެވެ. އެފަދަ މީހުން ދެނެގަތުމަށް ބަލަންޖެހޭ މައިގަނޑު ނިޝާންތަކަކީ:

1. މަޖުބޫރުވެގެން ނުވަތަ އާދަވެގެން ދޮގުހެދުން:

ކޮންމެ މީހަކުވެސް ކޮންމެވެސް ވަގުތެއްގައި ކުޑަ ދޮގެއް ހަދާފާނެ އެވެ. ނަމަވެސް ޕެތޮލޮޖިކަލް ލަޔަރ އަކީ މެދުކެނޑުމެއްނެތި ދޮގުހެދުމުގެ އާދަ ހުންނަ މީހެކެވެ. ނަފްސާނީ އިލްމުވެރިޔާ ޑރ. ޑްރޫ ކާޓިސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ މީހުން ދުވާލަކު އެވްރެޖްކޮށް 9 ނުވަތަ 10 ދޮގު ހަދަ އެވެ. މިއީ އެމީހުން ގަސްތުގައި ކުރާ ކަމަކަށްވުރެ ބޮޑަށް، ބޭ އިޚްތިޔާރުގައި ވެވޭ އާދައެކެވެ.

2. ހުރިހާ ހާލަތެއްގައި އަދި ހުރިހާ މައުޟޫއެއްގައި ދޮގުހެދުން:

މިއީ ހަމައެކަނި ވަކި މީހަކާ ކުރެވޭ ބަހުސެއްގައި ނުވަތަ ވަކި ހާލަތެއްގައި ކުރާ ކަމެއް ނޫނެވެ. މިފަދަ މީހުން އާއިލާ ތެރޭގައާއި، ވަޒީފާގެ މާހައުލުގައި އަދި ނުދަންނަ މީހުންނާ ވާހަކަދައްކާއިރު ވެސް ދޮގު ހަދާނެ އެވެ. އެމީހުން ހަގީގަތް އޮޅުވާލަނީ ހަމައެކަނި ވަކި ބަޔަކަށް އޮޅުވާލާކަށް ނޫނެވެ.

3. ސާފު މަގްސަދެއް ނެތި ދޮގުހެދުން:

އާންމު ދޮގުތަކަކީ އަދަބަކުން ސަލާމަތްވުމަށް ނުވަތަ ފައިދާއެއް ހޯދުމަށް ހަދާ އެއްޗެހި ނަމަވެސް، ޕެތޮލޮޖިކަލް ދޮގުތަކުން ފާހަގަކުރެވޭ ފައިދާއެއް ނޯވެ އެވެ. ޑރ. ނީ ވިދާޅުވާ ގޮތުގައި މިފަދަ މީހުން ދޮގު ހަދަނީ "ގަބޫލުކުރެވޭ މީހަކަށް ވުމަށް" ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށެވެ. ބައެއް ފަހަރު އަމިއްލައަށް ހަދާފައިވާ ދޮގު ވާހަކަތަކަކީ ހަގީގަތް ކަމަށް އެމީހުން އަމިއްލައަށް ގަބޫލުކުރާ ހިސާބަށް ވެސް ކަންތައް ދެ އެވެ.

4. އާދައިގެ ކަންކަމުގައި ދޮގުހެދުމާއި ފަސޭހައިން ބަޅާލެވޭ ފަދަ ދޮގުހެދުން:

މިފަދަ މީހުންނަކީ ދޮގުހެދުމަށް މާ ކުޅަދާނަ ބައެއް ނޫނެވެ. ސަބަބަކީ އެމީހުން އާދަވެގެން ދޮގުހަދާތީ، އެމީހުންގެ ދޮގުތައް ފަސޭހައިން ފަޅާއަރަ އެވެ. މިސާލަކަށް، އިންޓަނެޓުން ފަސޭހައިން ޗެކްކޮށްލެވޭ ފަދަ ކަންކަމުގައި ނުވަތަ އެކި މީހުން ކައިރީ އެކި ގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން އެމީހުންގެ ދޮގުވެރިކަން އަވަހަށް ހާމަވެ އެވެ.

5. އަމިއްލަ އަމަލުތަކާ މެދު ކަންބޮޑުވުން:

މިފަދަ މީހުންނާ މެދު އޮންނަ އެންމެ ބޮޑު ކުށްހީއަކީ އެމީހުން ދޮގުހަދަނީ ވަރަށް އުފަލުން ކަމަށް ބެލުމެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި، ދޮގުހެދުމަށްފަހު އެމީހުން އަމިއްލަ ނަފްސާ ސުވާލުކޮށް، ދެރަވެ ހިތާމަކުރެ އެވެ. އެހެންނަމަވެސް، އެއީ ނަފްސާނީ ގޮތުން ކަންކަމާ ކުރިމަތިލުމަށް ބޭނުންކުރާ ނުރަނގަޅު އުކުޅަކަށް ވާތީ، އެ އާދައިން ސަލާމަތްވުމަކީ އެމީހުންނަށް އުނދަގޫ ކަމެކެވެ.

މިފަދަ މީހުންނަށް އެހީތެރިވުމަށް ނަފްސާނީ އިލްމުވެރިން ބޭނުންކުރާ އެއް އުކުޅަކީ، އެމީހުން ހަދާ ދޮގުތަކަށް ސަމާލުކަން ނުދީ، ތެދު ބުނާ ވަގުތުތަކުގައި އެކަން ފާހަގަކޮށް ހިތްވަރު ދިނުމެވެ. މިއީ ދިގު އަދި އުނދަގޫ މަރުހަލާއެއް ނަމަވެސް، މިއީ ރިއަލިޓީ ޓީވީން ފެންނަ ފަދަ ސަކަރާތްޖެހުމެއް ނޫންކަމާއި، މިއީ މާ ބޮޑު ނަފްސާނީ މައްސަލައެއްކަން ދެނެގަތުން މުހިންމެވެ.

މަސްދަރު: އެންތޮނީ ޑެސްކް / ސެލްފް



ކިޔުންތެރިންގެ ހިޔާލު