ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ހަނގުރާމަވެރި އާލާތްތައް ގަތުމަށް އިސްކަންދޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ރައީސް މުއިއްޒު ކުޅުދުއްފުށީގެ ރައްޔިތުންނަށް ވީ 400 ހައުސިންގ ޔުނިޓްގެ ވައުދު ފުއްދުމުގެ ބަދަލުގައި، އެކަމަށް ބަޖެޓުކުރި ފައިސާ ހޭދަކުރައްވަނީ ރާއްޖެއަށް ބޭނުންނުވާ "ކުޅޭކުޅޭ ސާމާނު" ގަތުމަށް ކަމަށެވެ.

ޝަމްހީދު ތުހުމަތުކުރެއްވި ގޮތުގައި، ބޯހިޔާވަހިކަމަށް ކަނޑައެޅި 2.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ހޭދަކުރެއްވީ އެސްޓޯނިއާ އާއި ތުރުކީން ސޮފްޓްވެއާ އާއި ޑްރޯން އަދި މިސައިލް ގަތުމަށެވެ.

"ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ތިމަންމަނިކުފާނު އެންމެ އިސްކަމެއް ދޭނެ ކަމެއް ކަމަށް ވިދާޅުވެ، މުޅި ބަޖެޓު މި ހޭދަކުރެއްވީ މުޅިން އެހެން ކަންތައްތަކަށް،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބަޖެޓަށް އިހުމާލުވަމުންދާ މިންވަރުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝަމްހީދު އިތުރަށް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ކަނޑައެޅި 1.1 ބިލިއަން ރުފިޔާގެ ތެރެއިން 800 މިލިއަން ރުފިޔާވެސް ހޭދަކޮށްފައިވަނީ އެ ނޫން ކަންކަމަށް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ވީނުވީއެއް އެނގޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ކައުންސިލްތަކަށް ލިބޭ 5 އިންސައްތަ ގްރާންޓުން މުސާރަ ދޭން ޖެހުމަކީ ރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝަމްހީދު ވިދާޅުވީ، އަންނަ އޭޕްރީލް 4 ގައި އޮންނަ އިންތިޚާބަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބޭ އެންމެ މުހިންމު ފުރުސަތު ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ އަމިއްލަ ސިޔާސީ މަގްސަދުތަކަށް އިސްކަންދޭކަން ފާހަގަކުރައްވައި، ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިރު މިކަންކަމަށް ވިސްނުމަށް އޭނާ ކުޅުދުއްފުށީގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު