އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ކުޅުދުއްފުށި ސިޓީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ކުޅެން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި މޫސަ ވިދާޅުވީ، ގާނޫނުއަސާސީގެ މާއްދާތަކުގެ ވާހަކަ މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާއިރު، އެއީ މި ގާނޫނުއަސާސީ އިސްލާހުކޮށް ފާސްކުރިއިރު އެކަމަށް އެންމެ ބޮޑަށް ދެކޮޅުހެދި ބޭފުޅުން ކަމަށެވެ. އަދި ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް އެމްޑީޕީން ކުރި މަސައްކަތުގައިވެސް އެ ބޭފުޅުން ތިއްބެވީ ހުރަސްއަޅަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޫސަގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އިތުރުކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، މަޖިލިސް މެންބަރުންގެ ދައުރުވެސް އިތުރުކުރެވެނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންތިޚާބު ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އަދި ގައުމުގެ ހިންގުން ހަރުދަނާ ކުރުމުގެ ބަދަލުގައި، ސަރުކާރުން ފެންނަ ނުފެންނަ ވޯޓުތަކާއި ގާނޫނަށް ބަދަލު ގެނައުމުގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްވެސް މޫސަ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްގީއަށް ކުރެވުނު މަސައްކަތްތަކަކީ އެމްޑީޕީގެ ސަރުކާރުތަކުން ބިންގާ އެޅި ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަޖެޓުގެ ކަންކަން ސީދާ ކައުންސިލްތަކަށް ދޫކޮށްލަން ޖެހޭ ކަމަށާއި، މާލޭގައި ތިބެގެން ރަށްރަށުގެ ކަންކަން ނިންމުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ގާތަށް އިންތިޚާބުތަކުގައި އައުމުގެ ބޭނުމަކީ މަޝްވަރާގެ އުސޫލުން ކަންކަން ނިންމުން ކަމަށާއި، ގާނޫނުއަސާސީއާ ކުޅެ ރައްޔިތުންގެ ބާރުތައް ކަނޑުވާލަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ މޫސަ ވަނީ ވާހަކަ ނިންމާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު