ގާނޫނީ ވަކީލު މަހުފޫޒު ސައީދު
ގާނޫނީ ވަކީލު މަހުފޫޒު ސައީދު
ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ އޮޅުންބޮޅުން ބޮޑު، އުނި ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ރެފަރެންޑަމްގައި އެ ބިލާ ދެކޮޅަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހުފޫޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވަރަށް ބޮޑަށް އަވަސްއަރުވާލައިގެން ކަމަށާއި، ބިލު ތަސްދީގުވުމަށްފަހު ދެން ކަން ހިނގާނެ ގޮތުގެ ސާފު ތަަސައްވަރެއް އެއްވެސް ފަރާތަކަށް ނޭނގޭ ކަމަށެވެ.

ވަކިން ހާއްސަކޮށް، ގާނޫނުއަސާސީގައި ސީދާ ތާރީޚެއް ބަޔާންކޮށްފައި އޮންނައިރު، ދެ އިންތިޚާބު އެއްކޮށް ނުބޭއްވޭ ފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުވަތަ ގާނޫނީ ފަރުވާއެއް މި އިސްލާހުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މަހުފޫޒު އިތުރަށް ވިދާޅުވީ، ގާނޫނަކަށް ނުވަތަ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކީ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް ގެނެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ނިޒާމުގެ ތެރެއަށް އިތުރު އޮޅުންބޮޅުންތަކެއް އަންނަ ނަމަ އެފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރެފަރެންޑަމްގައި ރައްޔިތުންނާ ކުރެވޭ ސުވާލު އަތުރާފައިވާ ގޮތުން، ގާނޫނުއަސާސީއަށް އަންނަ ބަދަލުތައް ސީދާކޮށް އެނގެން ނެތް ކަމަށާއި، މިއީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު