ރައީސް ނަޝީދު ހޯނޑެއްދޫގައި
ރައީސް ނަޝީދު ހޯނޑެއްދޫގައި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ތާއީދާއެކު ނިކުންނަވާ ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. ހޯނޑެއްދުއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ، އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ. އެގޮތުން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ ޝަކީބާ ޢަބްދުﷲ އަށް ތާއީދު ކުރެއްވުމަށް ރައީސް ނަޝީދު މިއަދު އެދިވަޑައިގެންނެވިއެވެ. ޝަކީބާއަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް، ޕީއެންއެފްގެ ފުރިހަމަ ތާއީދާއެކު ނިކުންނަވާ ކެންޑިޑޭޓެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް، އަދި އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު، އެމްޑީޕީ މެންބަރުންވެސް އަދި އެމްޑީޕީއަށް ތާއީދުކުރަށްވާ މެންބަރުންވެސް، އެމްޑީޕީގެ ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އިރާދަކުރެއްވިއްޔާ ވޯޓުދޭނެ. މި އިންތިޚާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް "ބޮޑުތަނުން ނޫނެކޭ" ބުނުމަށް ކުރީގެ ރައީސް ޔާމީންވެސް ވަނީ ގޮވާލައްވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން މާލެ ސިޓީގެ މެޖޯރިޓީވެސް ސަރުކާރަށް ދިން ނަމަވެސް، ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

"ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އެބައޮތް." ޕީއެންސީއަށް ކައުންސިލްތަކުގެ ބާރު ދިނުމުގެ އެއްވެސް މާނައެއް ނެތްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނާއި، ރައީސް ނަޝީދު މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިވާއިރު، ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު