ފާދިއްޕޮޅު ހިންނަވަރު
ފާދިއްޕޮޅު ހިންނަވަރު
ފާދިއްޕޮޅު ހިންނަވަރުން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ފަށައިފިއެވެ.

ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަކަށް ޓަކައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ބިން ދޫކުރާނީ ހިންނަވަރު ކޮންމެ ގޭބީސީ އަކަށް 900 އަކަފޫޓުގެ އެއް ބިން ކަމަށާއި، މި ދަނޑުތަކުގައި ހެއްދޭނީ ތަރުކާރީ، މޭވާ، ގޮވާމާއި، ފަލަމަޑި އަދި ފަތްޕިލާވެލީގެ ބާވަތްތައް ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ކައުންސިލުން ބުނީ މިއީ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި، އެއްވެސް ކުއްޔެއް ނުވަތަ އަގަކާއި ނުލައި ހަމަސްދުވަހަށް ދޫކުރާ ބިންތަކެއް ކަމަށާއި، ބިން ދޫކުރާނީ ހިންނަވަރު ހުޅަނގުފަރާތުގައި އޮތް އުސްފަސްގަނޑުގެ އުތުރުންނާއި، ދެކުނުން ކަމަށެވެ.

އެހެންކަމުން ދަނޑުބިން ބޭނުންވާ ރައްޔިތުން މިހުނގާ އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ހުށައެޅުމަށް ކައުންސިލުން އަންގާފައި ވެއެވެ.

ފާދިއްޕޮޅު ހިންނަވަރަކީ ބިންފުރި ގޯތިދެވޭނޭ ގޮތެއް ނެތުމުގެ ސަބަބުން، ރައީސް ނަޝީދުގެ ސަރުކާރުގައި ބިން ހިއްކާފައިވާ ރަށެކެވެ. އަދި މިހާރުވެސް އެރަށުގެ ގިނަ ބަޔަކު ވަނީ ގޯއްޗަށް އެދި ކައުންސިލަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން