ކުރީގެ ޕީޖީ އަދި ޤާނޫނީ ވަކީލު އަހްމަދު މުއިއްޒު-
ކުރީގެ ޕީޖީ އަދި ޤާނޫނީ ވަކީލު އަހްމަދު މުއިއްޒު-
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ރިފަރަންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ތަފްސީލީ ޕޯސްޓެއްގައި މުޢިއްޒު ވަނީ، މީގެ 19 އަހަރު ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ތަޖުރިބާއާ މިހާރުގެ ހާލަތު އަޅާކިޔުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފެހި ޤާނޫނުއަސާސީގެ ދަށުން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން 18 ޖޫން 2006 ގައި ފާސްކުރުމުން، އެކަން ތަންފީޒުކުރުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމް ސިޓީއަކުން ހުށަހެޅުއްވި ކަމަށެވެ.

މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ވޯޓަށް އަހާ ނިޒާމުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައިދިނުމަށެވެ. އެގޮތުން، ޚާއްސަ މަޖިލީހުގެ ކޮމިޓީއަކުން އިސްވެ، ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނިޒާމީ ވޯޓާ ހަމައަށް ގޮސްފައިވަނީ އެކަމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށްފަހު، 18 އޮގަސްޓް 2007 ގައެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުން އެކަން ފާސްކުރުމާއި، ވޯޓު ނެގުމާ ދެމެދު 14 މަސްދުވަސް ހޭދަވިއެވެ،" މުޢިއްޒު ވިދާޅުވިއެވެ.

އޭރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މަޢުލޫމާތު ހިމެނޭ ފޮތްތަކާއި، ލީފްލެޓް އަދި ޕޯސްޓަރުތައް މުޅި ރާއްޖެއަށް ބަހައި، ޓީވީ އާއި ރޭޑިއޯ މެ

ދުވެރިކޮށް ދެފަރާތުގެ ހުއްޖަތްތައް ހާމަކުރުމުގެ ފުރުސަތު ފުރިހަމައަށް އޮތް ކަމަށެވެ. ނަމަވެސް، މިހާރު ތައްޔާރުވަމުންދާ ރިފަރަންޑަމްގައި އެފަދަ ހާމަކަމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޢިއްޒުގެ ޕޯސްޓް ނިންމާލައްވާފައިވަނީ ސަރުކާރުގެ މިހާރުގެ މިސްރާބާ މެދު ސުވާލު އުފައްދަވަމުންނެވެ. "މީގެ 19 އަހަރު ކުރިން އަޅުގަނޑުމެން މާ ތަޞައްރުފު ފުދޭ ނޫންބާއޭ އަޅުގަނޑު ހިތަށް އަރައެވެ،" އޭނާ ވިދާޅުވިއެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭއިރު، އެކަމަށް ބޭނުންވާ ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ގިނަ ފަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު