އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
މާދަމާ އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން މިއަދު ދީފިއެވެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުތަކުގެ އިންސާފުވެރިކަމަށް ބުރޫއަރާފަދަ އެއްވެސް އަމަލެއް ހިންގާނަމަ، އެކަމެއް ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ ކޮމިޝަން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަގާމުގެ ނުފޫޒު ފޯރުވައިގެން ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މީގެ އިތުރުން، މިފަދަ މައްސަލަތައް ހުށަހެޅުމަށްޓަކައި ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށްވެސް އެ އެކޮމިޝަނުން ފާހަގަކުރިއެވެ.

ހަމައެއާއެކު، އިންތިޚާބީ ދުވަސްވަރު ދައުލަތުގެ މުވައްޒަފުންނާއި، ކެންޑިޑޭޓުން އަދި ސިޔާސީ ޕާޓީތަކުން ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ އެއްވެސް އަމަލެއްގައި ބައިވެރިނުވުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ. އިންތިޚާބުގެ ސައްހަކަން ދެމެހެއްޓުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު