ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ކުރީގެ ރައީސް ސޯލިހު މީޑިއާތަކަށް ދެއްވި އިންޓަވިއު، ފޮޓޯ: ދަ ޕްރެސް
ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ކުރީގެ ރައީސް ސޯލިހު މީޑިއާތަކަށް ދެއްވި އިންޓަވިއު، ފޮޓޯ: ދަ ޕްރެސް
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރެފަރަންޑަމް ވޯޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. އަތޮޅުގެ ރަށްތަކަށް ހާއްސަ ކުރެވިފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދުގެ ވޯޓާ ހަމައަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތަކާ އެކުވެސް، ދެ މަސް ދުވަހުގެ ކާމިޔާބު ކެމްޕެއިނެއް ނިންމުމަށްފަހު ކަމަށެވެ. ކެމްޕެއިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި ކަމަކީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް މިއަދުގެ ވޯޓުން ސާފުކޮށް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ފަދަ މުހިންމު ވޯޓެއް އެއްކޮށްލުމުގެ ސަބަބުން، ވޯޓުލުމުގެ ކަންކަމުގައި އާންމުންނަށް އުނދަނގޫތަކާއި ދަތިތަކެއް ކުރިމަތިވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އިންތިޚާބުގެ ސަލާމަތީ ކަންކަމާއި އިންތިޒާމުތައް ބެލެހެއްޓުމުގައި ކަމާބެހޭ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު