ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި 6 މީހުން-
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި 6 މީހުން-
މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ހަނީސީޒަން، މުޙައްމަދު މާހިރު (36އ) އާއި، ސ. ހުޅުދޫ / ސޯސަން، ޢަލީ އީޝާދު (32އ) އާއި، މާލެ / ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި، ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި، ޅ. ހިންނަވަރު / ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) ގެ އިތުރުން ލ. ގަން / މުކުރިމަގު، މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ އީޝާދު، މުޙައްމަދު މާހިރު، ޢަބްދުލްމާޖިދު އިބްރާހީމް އަދި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު