ފުލުހުން ހައްޔަރުކުރި 2 މީހުން
ފުލުހުން ހައްޔަރުކުރި 2 މީހުން
ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ރާއްޖެ އައި ވަގުތު އެމީހުންގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެމީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ، ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ފުލުހުން ބުނީ، މި މައްސަލަ އެ ހިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސް އާއި ފުލުހުން އަންނަނީ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު