ދިވެހިރާއްޖޭގެ ހައި ކޯޓު-
ދިވެހިރާއްޖޭގެ ހައި ކޯޓު-
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުން އާއިޝަތު ޝައްމާ ވަކިކުރި މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް އެ މުއައްސަސާއިން ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.

މި މައްސަލައަކީ 4 އޮކްޓޫބަރު 2022 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމު އަދާކުރަމުން ދަނިކޮށް، 3 ޖަނަވަރީ 2023 ގައި ޝައްމާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. ޝައްމާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ނުލައި އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަކާ ނުލައި ކަމަށެވެ. މިއީ ވަޒީފާއާބެހޭ ގާނޫނާއި ޕާލަމެންޓަރީ ސާވިސް މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ، ޝައްމާ އެދިފައިވަނީ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

މި މައްސަލައަށް ރައްދުދެމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޓްރައިބިއުނަލްގައި އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. މަޖިލީހުން ފާހަގަކުރި ގޮތުގައި ޝައްމާ ވަކިކުރިއިރު އޭނާ ހުރީ ޕްރޮބޭޝަން މުއްދަތުގައެވެ. ޕްރޮބޭޝަން މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަކީ ވަޒީފާދޭ ފަރާތަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެންކަމުން މިބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް މަޖިލިސް އިދާރާއިން ބުންޏެވެ.

މަޖިލިސް އިދާރާގެ މި ނުކުތާއަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ޝައްމާ ވަކިކުރި މައްސަލަ ބެލުމުގެ ގާނޫނީ ބާރު އެ މުއައްސަސާއަށް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް، ޝައްމާގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލަ ބެލެން ނެތް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އަދި މިއީ ޓްރައިބިއުނަލަށް ބެލިދާނެ މައްސަލައެއްތޯ އަލުން ބަލައި، މައްސަލައާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޮނުވައިލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު