މަރްޔަމް ނަހްދާ ވަޙީދު   8 އޭޕްރީލު 2026 - 18:6
މޫސުން ގޯސް ދުވަހެއް-
މޫސުން ގޯސް ދުވަހެއް-
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިހާރު ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައަކީ މި ދުވަސްވަރު ކުރަމުންދާ މޫސުމީ ވިއްސާރައެއް ކަމަށެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:30 އާ ހަމައަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙައްދުތަކަށެވެ.

މި ވަގުތުތަކުގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީގެ އިތުރުން، ވައިގަދަވުމުގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް އެ ސަރަޙައްދުގައި ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ވަނީ އެދިފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު