ރައީސް މުއިއްޒު އަދި މޫސާ ޒަމީރު
ރައީސް މުއިއްޒު އަދި މޫސާ ޒަމީރު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގައި ބޮޑެތި ރެނދުތަކެއް އަޅައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ކުޑަވަމުންދާ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

މި މައްސަލައިގައި ޕާޓީގެ އިސް ބައެއް މެންބަރުން މިހާރު ފާޅުގައި ގެންދަވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީއެންސީ ޓިކެޓު، މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ދިނުމަށް ތާއީދުކުރައްވަމުންނެވެ. ޕާޓީގެ އެތެރޭގެ މަސްލަހަތު މިގޮތަށް ބަދަލުވާން ފަށާފައިވަނީ، ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.



މި ހަލަބޮލިކަން އުފެދިފައި މިވަނީ، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކާއި، ބައެއް ކަންކަމުގައި ރައްޔިތުންގެ މެދުގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މި ނަތީޖާތަކާއެކު ރައީސް މުއިއްޒުގެ ސިޔާސީ ބާރުވެރިކަމާމެދު ޕާޓީގެ އެތެރޭގައި ސުވާލު އުފެދިފައިވާއިރު، ސޯޝަލް މީޑިއާގައި ވެސް މޫސާ ޒަމީރަށް ތާއީދުކޮށް "ޒަމީރު 2028" ޖަހާފައިވާ ގިނަ ޕޯސްޓުތަކެއް ދަނީ ދައުރުވަމުންނެވެ.

ޕީއެންސީގެ ބައެއް މެންބަރުންނާއި އިސް ސަފުގެ ބޭފުޅުން މޫސާ ޒަމީރަށް ތާއީދުކުރަން ފެށުމަކީ ރައީސް މުއިއްޒަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ވެރިކަމުގެ ދައުރުގެ މެދުތެރެއިން ޕާޓީގެ ތެރޭގައި މިފަދަ ބޮޑު ބަދަލެއް އަންނަން ފެށުމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހިންގުމަށާއި ޕާޓީގެ އެއްބައިވަންތަކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު