ފޮޓޯ: ހައްޖު ކޯޕަރޭޝަން
ފޮޓޯ: ހައްޖު ކޯޕަރޭޝަން
މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީން ފުރާނެ ތާރީޚުތަކާއި، އަދި އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނާނެ ތާވަލު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން އިޢުލާންކޮށްފައިވާ ތާވަލުގައިވާ ގޮތުން، މިއަހަރުގެ ޙައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މި ދަތުރުތަކުގައި ސައުދީ އެއަރލައިންސްގެ އިތުރުން ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް މިރޭ ވިދާޅުވީ، 1447 ވަނަ އަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް މިހާރުވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. އަދި މިއަހަރަކީ މިހާތަނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދެވޭ އަހަރަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ފުރުމާއި އެނބުރި އައުމުގެ ތާވަލު:

ފްލައިޓް 1: ފުރުން 15 މޭ 2026 (ސައުދީ)، އެނބުރި އައުން 05 ޖޫން 2026

ފްލައިޓް 2: ފުރުން 17 މޭ 2026 (މޯލްޑިވިއަން)، އެނބުރި އައުން 07 ޖޫން 2026

ފްލައިޓް 3: ފުރުން 18 މޭ 2026 (ސައުދީ)، އެނބުރި އައުން 08 ޖޫން 2026

ފްލައިޓް 4: ފުރުން 19 މޭ 2026 (މޯލްޑިވިއަން)، އެނބުރި އައުން 09 ޖޫން 2026

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ މިއީ މިވަގުތަށް ދަތުރުތައް ތާވަލުކުރެވިފައިވާ ގޮތް ކަމަށާއި، މި ތާވަލަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ގުޅުންހުރި ފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ.

މި ދަތުރުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1435 ނުވަތަ 7961012 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު