ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ވެލާނާ އެއާޕޯޓުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 05:46 އެހައިކަންހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ފްލައިޓުން ދަތުރުކުރި މާލެ، ހމ. ހިޔާ 9-12-17، އުމުރުން 46 އަހަރުގެ އިބްރާހީމް ނަޢީމް އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާ އިން ގޮނޑިއާއި އެ ގޮނޑި ކައިރީގެ އެކި ސަރަހައްދުތަކުންނެވެ. މީގެ އިތުރުން އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ވެސް ބައެއް ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ އަތުން ފެނުނު ތަކެތީގެ ތަފްސީލަށް ބަލާއިރު، ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރާއި، 1,300 ސިންގަޕޫރު ޑޮލަރާއި، 420 މެލޭޝިއަން ރިންގިޓްގެ އިތުރުން 1,000 ދިވެހި ރުފިޔާ ހިމެނެއެވެ. މި ހުރިހާ ފައިސާއެއް ދިވެހި ރުފިޔާއިން ބަލާނަމަ ޖުމްލަ 65,409.58 ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި ހިމެނޭ އެމެރިކާ ޑޮލަރަކީ ދިވެހި ރުފިޔާއިން ބަލާނަމަ 46,998.40 ރުފިޔާއެވެ. އަދި ސިންގަޕޫރު ޑޮލަރަކީ 15,780.95 ރުފިޔާ ކަމަށްވާއިރު، މެލޭޝިއަން ރިންގިޓަކީ 1,630.23 ރުފިޔާއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު