މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މާލޭގައި ހުންނަ ބޭކަރީއެއްގައި ކުނިވެފައިވާ ކާބޯތަކެތި އާންމުންނަށް ވިއްކަމުންދާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށް މީސް މީޑިއާގައި މެސެޖެއް ދައުރުވާން ފަށައިފިއެވެ. މި ވާހަކަ ހިއްސާކުރި ފޭސްބުކް ޕޭޖުގައިވާ ގޮތުންް ކަނބަލަކު ވަނީ، އާންމުންގެ ސަލާމަތަށްޓަކައި މި މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމަށް އެދިފައެވެ.

މެސެޖު ގައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، އޭނާ އެ ބޭކަރީން ގަތް ޓޫނާ ބަނަހެއް ގެއަށް ގެންގޮސް ބަލާލިއިރު، އެ ބަނަސް އޮތީ ކުނިވެ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް މެސެޖުގައިވެއެވެ. ގިނަ ދިވެހިންނަކީ މިފަދަ ކަންކަން ދިމާވުމުން މައްސަލަ ޖެއްސުމުގެ ބަދަލުގައި އެ އެއްޗެއް އުކާލައި، އަޅާނުލާ ބަޔަކަށް ވާތީ، ވިޔަފާރިކުރާ ފަރާތްތަކަށް މިފަދަ ވިޔާނުދާ ކަންކަން ކުރަން ހިތްވަރު ލިބޭ ކަމަށް މެސެޖް ހިއްސާކުރި ފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާ ވަނީ ކުނިވެފައިވާ ބަނަސް ހިފައިގެން އަލުން އެ ފިހާރައަށް ގޮސްފައެވެ. ފިހާރައިގެ ކައުންޓަރުގައި ހުރި މުވައްޒަފު ކައިރީ ބަނަހުގެ ވަސް ބެލުމަށް އެދުމުން، އެއީ ކުނިވެފައިވާ އެއްޗެއްކަން އެނގުމުން އެހެން ބަނަހެއް ދޭން އުޅުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެ ބަނަސްތައް ބަހައްޓާފައި ހުރި ގޮތުން، ބައެއް ބަނަސްތަކަކީ ތަކުރާރުކޮށް ރީހީޓްކޮށް (ހޫނުކޮށް) ވިއްކަން ބަހައްޓާފައި ހުރި އެއްޗެހިކަން ފާހަގަކުރެވުނު ކަމަށާއި، މިއީ ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރެއެވެ.

"އަޅުގަނޑު ބުނެފިން ބަނަހެއް ބޭނުމެއް ނޫނޭ، ތީގެ ލާރިޔޭ ބޭނުމީ. އެއީ އެންމެ 14 ރުފިޔާ، ނަމަވެސް ކުނި އެއްޗެއް ގަންނަން ކީއްވެބާ އަޅުގަނޑުމެން ހަރަދު ކުރަންވީ؟" އޭނާ ސުވާލު އުފެއްދިއެވެ.

ލާރި އަނބުރާ ދިނުމަށްފަހު ފިހާރައިން ތަކުރާރުކޮށް މާފަށް އެދުނު ނަމަވެސް، އެއީ ގަސްތުގައި ކުރާ ކަމަކަށް ވާތީ އެ މާފު ބަލައިނުގަންނަ ކަމަށް އޭނާ ބުންފައިވެއެވެ. އަދި ބާކީ ހުރި ބަނަސްތައް ނެގުމަށް އެދުމުން، އެމީހުން އެކަން ކުރާނެ ކަމަށް ބުނި ނަމަވެސް، ފިހާރައިން ނުކުމެ ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު ވެސް އެ ތަކެތި ނަގާފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.



މި ހާދިސާއާ ގުޅިގެން އޭނާ ވަނީ ރާއްޖޭގައި މިފަދަ މައްސަލަތައް ރިޕޯޓު ކުރެވޭނެ ފަސޭހަ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކަސްޓަމަރުންނަށް ދިމާވާ މިފަދަ މައްސަލަތައް ފޮޓޯއާއެކު ވަގުތުން ހުށަހެޅޭނެ މޮބައިލް އެޕެއް ނުވަތަ ހޮޓްލައިނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި، "އެއްވެސް ކަމެއް ނުވާނެކަން" ޔަގީންވާތީ ވިޔަފާރިވެރިން މިފަދަ އަމަލުތައް ކުރާ ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

އޭގެއިތުރުން މިއީ ހުރިހާ ރައްޔިތުންވެސް ކެރިގެން އަޑުއުފުލަންޖެހޭ ކަމެއް ކަމަށާއި، ހަނުހުރުމަކީ މިފަދަ ކަންކަމަށް ދެވޭ ހިތްވަރެއް ކަމަށް ބުނެ، ގިނަ ބަޔަކު މައްސަލަ ޖައްސަން ފަށައިފިނަމަ މިފަދަ ކަންކަން މަދުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު