ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ގިނަ ވަގުތުތަކެއް ފާއިތުވެ ދިޔައިރުވެސް ހިދުމަތް ފޯރުކޮށްދެވޭ ގޮތް ނުވި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުފަހު

15:21 ހާއިރެވެ.

ކަރަންޓު ކެނޑުނު ވަގުތު ސްޓެލްކޯ އިން ފުރަތަމަ ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލަ ދެނެގަނެވުމާ ގުޅިގެން ގާތްގަނޑަކަށް 45 ވަރަކަށް މިނެޓުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ނަމަވެސް މިއަދު 18:00 ޖެހިއިރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ‏ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ

މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހިދުމަތް ނުދެވި ދިގުލައިގެން ދިޔަ ނަމަވެސް، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދިޔަ ތަރުހީބަށް ޝުކުރު ދަންނަވަމުން ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް ވެސް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު