ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ގަވާއިދުތަކެއް މިހާތަނަށްވެސް ހަދާފައިނުވާތީ، ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ހިމެނޭހެން އެ މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓްރީން ޖުމްލަ 20 ގަވާއިދެއް އެކުލަވާލަންޖެހޭއިރު، މިހާތަނަށް ހަދާފައިވަނީ އެންމެ ހަތަރު ގަވާއިދު ކަމަށެވެ. ބާކީ އޮތް 16 ގަވާއިދު އަދިވެސް އޮތީ ނުހެދިއެވެ.

ހަމައެއާއެކު މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، 2024 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެއްގެ ދަށުން ހަދަންޖެހޭ 16 ގަވާއިދެއް ނެހެދި އޮތުމަކީ ދައުލަތުގެ އިދާރާއަކުން ވެފައިވާ ބޮޑު އިހުމާލެއް ކަމަށެވެ. އަދި ދުރާލައި މިފަދަ ގަވާއިދުތައް ހަދައި ތަންފީޒުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ގާނޫނެއްގައި ބަޔާންކުރާ ގަވާއިދުތަކަކީ އެ ގާނޫނެއް ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަސީލަތްތަކެއް ކަމަށެވެ. އެހެންކަމުން، މި ގަވާއިދުތައް ނުހެދި އޮތް ސަބަބު ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމަށް ހުސްނީ މުބާރިކް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ތާއީދު ކުރައްވާފައެވެ. އަދި ކޮމިޓީގެ އިއްތިފާގުން ވަނީ މި ހުށަހެޅުން ފާސްކޮށްފައެވެ.

ކޮމިޓީން މިކަން ފާސްކޮށްފައިވާއިރު، ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް ހުއްޓައިލަމުންދާ ކަމަށާއި، ބޭސް ސިޓީއަށް ބޭސް ނުލިބުން ފަދަ ޝަކުވާތައް އާންމުން ކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު މުހައްމަދު އިބްރާހީމް މަޖިލީގެ ތަޅުމަށް މިއަދު ހުށައެޅުއްވި ކުއްލި މައްސަލަ މިއަދު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު